ބޭންކް އޮފް މޯލްޑިވްސް ވަނީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ދިރުމެއް ގެނެސްދީފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް މިރޭ ވިދާޅުވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް، 40 އަހަރު ފުރުމުގެ މުނާޞަބަތުގައި މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ އުމުރުން ފާއިތުވެގެން މިދިޔަ 40 އަހަރުގެ ތެރޭގައި، އެބޭންކުން ރާއްޖޭގެ ތަރައްޤީއަށް ވަރަށް ގިނަ ގޮތްގޮތުން ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށެވެ. މިގޮތުން ރާއްޖޭގެ އިޤުތިޞާދު ކުރިއަރައި ދިޔުމުގަޔާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާކުރިއެރުވުމުގަޔާއި ޢުމުރާނީ ތަރައްޤީ ގެނައުމުގައި ބޭންކް އޮފް މޯލްޑިވްސް އަދާކޮށްފައިވާ ދައުރު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ، ސަރުކާރުން ރައްޔިތުންނަށް ފަހިކޮށްދޭ މާލީ އެކިއެކި ފުރުޞަތުތަކުގައި ވެސް ބޭންކުން އަދާކުރާ ދައުރާއި އަދި އިޖުތިމާޢީ ޒިންމާގެ ދަށުން، ބޭންކުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، ސަރުކާރުގެ ހިލޭ އެހީގެ ސްކީމްތަކާއި ލޯނު ސްކީމްތައް ހިންގައި ބަލަހައްޓައިދެނީ ބޭންކް އޮފް މޯލްޑިވްސްއިންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސް އުފެދިގެން އައި ގޮތާއި އެދުވަސްވަރު ރާއްޖޭގެ ބޭންކިން ނިޒާމް ހިނގަމުން އައިގޮތުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. މިގޮތުން، ބޭންކު އޮފް މޯލްޑިވްސް އުފެއްދީ ބަނގްލަދޭޝް ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާއެކުގައިކަން ފާހަގަކުރައްވައި، ބަނގްލަދޭޝްގެ އިންޓަނޭޝަނަލް ފިނޭންސް އެންޑް އިންވެސްޓްމަންޓް ކޮމްޕެނީއަށާއި ބަނގުލަދޭޝްގެ ސަރުކާރަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވި އެވެ.

މިރޭގެ ޙަފްލާގައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ދެ ފައުންޑަރުންނަށާއި، އެ ބޭންކަށް ދިގުމުއްދަތަކަށް ޚިދުމަތްކޮށްދެއްވި ތިން ބޭފުޅަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވައިފަ އެވެ. އެފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މި ޙަފްލާގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.

ބޭންކް އޮފް މޯލްޑިވްސް ހުޅުވީ ނޮވެމްބަރު 11، 1982 ގަ އެވެ.