ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ، ބޭންކުގެ ނަމަށް ބަލާއިރު ވެސް، ދިވެހިންގެ ވަރަށް ފޮނި އުންމީދުތަކަކާ ގުޅިފައިވާ ދިވެހިންގެ ބޭންކު ކަމަށާއި އެހެންވެ، ބޭންކުގެ އެންމެ އިސް ޒިންމާއަކަށްވާންޖެހޭނީ، ރައްޔިތުންގެ ހިތުގައި ބޭންކާމެދު އިތުބާރާއި ޔަގީންކަން އުފައްދައި ދެމެހެއްޓުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް، 40 އަހަރު ފުރުމުގެ މުނާޞަބަތުގައި މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ވެސް، ބުރަ މަސައްކަތުން ހޯދާ ފައިސާ ރައްކާކުރަން ބޭންކާ ހަވާލުކުރަނީ، ބޭންކާމެދު ވަރަށް ބޮޑު އިތުބާރެއް ކުރާތީ ކަމަށެވެ.

"އެ ފައިސާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާ އެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ، ބޭންކުގައި އެންމެ އިސް ޒިންމާ. އެ އަމާނާތްތައް ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް، މިހާރަށްވުރެ ވެސް ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ބޭންކަށް 40 އަހަރު ފުރިގެންދާއިރުގައި، ވިޔަފާރިވެރިންނަށް މިހާރަށްވުރެ ފަސޭހަ ލުއި ގޮތްތައް ހޯދައިދިނުމަށް ބޭންކުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ދާދިފަހުން ތިޔަބޭފުޅުން އިޢުލާނު ކުރެއްވި، ރާއްޖެއިން ބޭރުގައި ކިޔަވާ ސްޓޫޑެންޓުންނަށް ފޮނުވާ ޓީޓީ ލިމިޓް ކުރުމުގައި ކަންބޮޑުވުންތަކެއް ބެލެނިވެރިންގެ އެބައޮތް. އެހެންކަމުން، ސެންޓްރަލް ބޭންކް، އެމްއެމްއޭ އާ އަދި ބޭންކް އޮފް މޯލްޑިވްސް މިކަމާ ދޭތެރޭގައި ވިސްނަވައި، މި ދެންނެވި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަކީ، ބޭންކުގެ ހިއްސާދާރުންނާއި، ބޭންކުން ޚިދުމަތް ހޯއްދަވާ ބޭފުޅުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ދަންނަވަމުން،" ރައީސްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް ހުޅުވީ ނޮވެމްބަރު 11، 1982 ގަ އެވެ.