ބޭންކް އޮފް މޯލްޑިވްސް އިން ކިޔަވާ ކުދިންނަށް ދޫކުރާ "ކިޔަވާ ލޯނު"ގެ އިންޓަރެސްޓް ރޭޓް ނުވަ ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކޮށްފައިވާކަން އެ ބޭންކުން މިރޭ އިއުލާންކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް، 40 އަހަރު ފުރުމުގެ މުނާސަބަތުގައި ކްރޮސްރޯޑްސް މޯލްޑިވްސްގައި މިރޭ ބޭއްވި ޚާއްސަ ހަފްލާގައި ބޭންކުގެ ޗެއާމަން ޔޫޝައު ސައީދު ވިދާޅުވީ ކުރިން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ވެސް އަންނަ މަހު 1 އިން ފެށިގެން އަމަލުކުރާ އުސޫލުގެ ދަށުން ކުޑަކުރާނެ ކަމަށެވެ. އަދި މިއީ އިންޓްރެސްޓް ބޮޑުވުމުން ބައެއް ބެލެނިވެރިންނާއި، ދަރިވަރުންގެ ފަރާތުން ޝަކުވާ ހުށަހަޅާފައިވާތީ އެކަން ބެލުމަށް ފަހު ގެނައި ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި ޔޫޝައު ވިދާޅުވީ ދިވެހިންގެ ބޭންކަށް 40 އަހަރު ފުރުނު އިރު އެއީ ހިންގުމުގެ އެންމެ ޒަމާނީ ވަސީލަތްތައް ހޯދާފައިވާ މުޅި އޭޝިއާ ބައްރަށް ބެލިކަމުގައި ވިޔަސް، އެންމެ ހިންގުންތެރި، އަދި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު އެއް ކުންފުނި ކަމަށެވެ.

"މީގެ އިތުރުން، ބީއެމްއެލް އަކީ، މާލީ ގޮތުން ދިވެހި ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ވިޔަފާރި ކުންފުނި،" ސިމްޑީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާ ޔޫޝައު ވިދާޅުވި އެވެ. "މި ކުރިއެރުމުގެ ސިއްރަކީ ބޭންކުގެ އެހާރާއި މިހާރުގެ މުވައްޒަފުން ކޮށްދިން ބުރަ މަސައްކަތް."

ބޭންކަށް މިފަހުން ދިމާވި އެންމެ ބޮޑު ދައްޗަކީ ކޮވިޑުގެ ދަތި ހާލަތުކަން ފާހަގަކުރައްވައި ޔޫޝައު ވަނީ، އެ ހާލަތުގައި ވެސް ކަސްޓަމަރުންނަށް ބޭނުންވާ އެހީތައް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ކޮވިޑްގެ ސަބަބުން މާލީ ގޮތުން އަސަރުކޮށްފައިވާ ކަސްޓަމަރުންނަށް އެހީވުމަށް، ކުރު މުއްދަތުގެ ފައިނޭންސިން ދޫކުރެވުނު. ބޭންކުން ނަގާފައިވާ ލޯނު، އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލެވުނު. ސަރުކާރުގެ ލޯނު ސްކީމްތައް މެނޭޖްކުރުމުގައި އެހީތެރިވެދެވުނު. ކޮވިޑް19 ރިކަވަރީ ލޯނާއި އިކޮނޮމިކް ސްޓިމިއުލަސް ލޯނު، ދޫކުރުމަށް އެހީތެރިވެވުނު،" ޔޫޝައު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑާ ގުޅިގެން ބޭންކުން އެޅި، މުހިންމު އަނެއް ފިޔަވަޅަކީ، ލިކުއިޑިޓީ ޕްރެޝަރު ކުޑަކުރުމަށް އެކިއެކި މާލީ އިދާރާތަކާ ގުޅިގެން، ފަންޑިންގެ ގޮތުގައި ގާތްގަނޑަކަށް، 90 މިލިއަން ޑޮލަރު ހޯދުން ކަމަށެވެ.