ކުރިއަށް އޮތް 18 މަސް ދުވަސްތެރޭ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގޮތްޕެއް ރާއްޖޭން ބޭރުގައި ހުޅުވަން އަމާޒު ހިފާފައިވާ ކަމަށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ރޭ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލަށް 40 އަހަރު ފުރުން ފާހަގަކުރަން ކްރޮސްރޯޑްސްގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ދިވެހި ގައުމީ ބޭންކުގެ ޚިދުަމްތަތައް އިތުރަށް ފުޅާކުރުމަށް ރާއްޖޭން ބޭރުގައި ޚިދުމަތް ފެށުމުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް 10 އަހަރު، ބޭންކުގެ ރަންޔޫބާލް ފާހަގަކުރާ އިރު، އަމާޒަކީ މަދުވެގެން ދެ ގައުމެއްގައި ބީއެމްއެލްގެ ގޮފިތައް ހުޅުވުން ކަމަށެވެ. ބޭންކުގެ ފުރަތަމަ އޯވަސީސް ބްރާންޗު ހުޅުވަނީ ކޮން ގައުމެއްގައި ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ބެލެެވޭ ގޮތުގައި އެއީ ދިވެހިން އެންމެ ގިނައިން ދިރިއުޅޭ އިންޑިއާ، ސްރީ ލަންކާ ނުވަތަ މެލޭޝިއާ ފަދަ ގައުމަކަށްވުން އެކަށީގެންވެ އެވެ.

ކާލް ވިދާޅުވީ ރާއްޖޭން ބޭރުގައި ބޭންކުގެ ގޮތްޕެއް ހުޅުވުމަކީ ރާއްޖެ އަށް ބޭރު ފައިސާ ހޯދުމުގައި ވެސް ފަސޭހަވެގެން ދާނެ ކަމެއް ކަމަށެވެ.

ބޭންކުގެ ބައެއް މުއާމަލާތްތައް ކުރުކޮށް

  • މޯބައިލް ބޭންކިންގެ ލޮގިން: 63 މިލިއަން
  • އޭޓީއެމްތަކުން: 7.8 މިލިއަން ޓްރާންސެކްޝަން
  • އިންޓަނެޓް މެދުވެރިކޮށް: 7 މިލިއަަން ޓްރާންސެކްޝަން
  • ޕީއޯއެސް މެދުވެރިކޮށް: 3.5 މިލިއަަން ޓްރާންސެކްޝަން
  • 20 އަތޮޅުގައި: 35 ބްރާންޗް
  • ސެލްފް ސާވިސް ބޭންކިން ސެންޓަރު: 82
  • އޭޓީއެމް: 140
  • ކޭޝް އޭޖެންޓުން: 200 އަށް ވުރެ ގިނަ

ނޮވެމްބަރު 11، 1982 ގައި ބަނގްލަދޭޝްގެ އިންޓަނޭޝަނަލް ފިނޭންސް އެންޑް އިންވެސްޓްމަންޓް ކޮމްޕެނީއާ ގުޅިގެން ދިވެހި ސަރުކާރުން އުފެއްދި ބޭންކުގެ ކަސްޓަމަރުންގެ އަދަދު މިހާރު 350،000 އަށް އަރަ އެވެ.