ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ފޮނުވުމުގައި ގެނައި ބަދަލުތަކާ ގުޅިގެން ގިނަ ބެލެނިވެރިންގެ ކަންބޮޑުވުމާއި ޝަކުވާތައް އެބަހުރި ކަމަށާއި އެހެންވެ އެކަން ހައްލުކޮށްދޭން އެމްއެމްއޭ އާއި ބީއެމްއެލްއާ ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ އެދިވަޑައިގަނެފި އެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް، 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޚާއްސަ ހަފްލާގައި ރައީސް ވިދާޅުވީ ދާދިފަހުން ބޭންކުން އިއުލާނު ކުރެއްވި، ރާއްޖެއިން ބޭރުގައި ކިޔަވާ ސްޓޫޑެންޓުންނަށް ފޮނުވާ ޓީޓީ ލިމިޓް ކުރުމުގައި ކަންބޮޑުވުންތަކެއް ބެލެނިވެރިންގެ އެބައޮތް ކަމަށެވެ.

"އެހެންކަމުން، ސެންޓްރަލް ބޭންކް، އެމްއެމްއޭ އަދި ބޭންކް އޮފް މޯލްޑިވްސް މިކަމާ ދޭތެރޭގައި ވިސްނަވައި، މި ދެންނެވި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަކީ، ބޭންކުގެ ހިއްސާދާރުންނާއި، ބޭންކުން ޚިދުމަތް ހޯއްދަވާ ބޭފުޅުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ދަންނަވަމުން،" ރައީސް ވިދާޅުވި އެވެ.

ބީއެމްއެލް އިން ވަނީ ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންގެ ތެރޭން އޭ ލެވެލުން ދަށުގެ ކުދިންގެ ކަންކަން ހަމަޖެއްސުމަށް ދިވެހި ފައިސާ މެދުވެރިކޮށް ބޭރަށް ފައިސާ ނުފޮނުވޭނެ ގޮތް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަދައިފަ އެވެ. ބޭންކުން ބުނީ އެެ ބަދަލަކީ އެމްއެެމްއޭ އިން ދޭ ޑޮލަރު ސަޕޯޓާއި އެއްގޮތަށް ގެންނަން ޖެހުނު ބަދަލެއް ކަމަށެވެ. އެހެންވެ، މިހާރު ޓީޓީ ފޮނުވޭނީ އޭ ލެވެލުން މަތިން ކިޔަވާ ކުދިންނަށް އެކަންޏެވެ.

އެ ބަދަލާ ގުޅިގެން، ދަށް ގްރޭޑްތަކުގައި ކިޔަވާ ކުދިންނަށް ފައިސާ ފޮނުވަން ޖެހޭނީ ޑޮލަރުންނެވެ. ދަށް ގްރޭޑްތަކުގައި ކިޔަވާ ކުދިންގެ ސްކޫލުތަކުގެ ފީ އާއި ޓިއުޝަން ފީ އާއި ސްކޫލުގެ އެހެނިގެން ހަރަދަށް ބޭނުންވާ ފައިސާ ރާއްޖެ އިން ފޮނުވަން ޖެހޭނީ ވެސް ޑޮލަރުންނެވެ. ޑޮލަރު ދެން ލިބޭނީ އޭ ލެވަލްއިން މަތީގެ ޓާޝަރީ ފުލްޓައިމް ދަރިވަރުންނަށް އެކަންޏެވެ. އޭގެތެރޭގައި ޕްރޮފެޝަނަލް ދާއިރާތަކުން ކިޔަވާ ދަރިވަރުން ވެސް ހިމެނެ އެވެ.

ބޭންކުގެ މި ނިންމުމާ ގުޅިގެން ޑޮލަރު ހޯދަން ދަތިވެ ވަރަށް ގިނަ ބެލެނިވެރިންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.