ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ލިބޭނެ ލުއިފަސޭހަ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ބޭންކުތަކާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފަށައިފި އެވެ.

އެމްއެމްއޭ އިން ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ މިންވަރު މަދުކޮށްފަ އެވެ.

މިގޮތަށް ނިންމުމާއެކު ޜާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އޭލެވެލްއިން ދަށަށް ކިޔަވާ ކުދިންނަށް ކުރިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރަމުންއައި ޑޮލަރު ދޫކުރުން ވަނީ ހުއްޓާލައިފަ އެވެ.

ވިޔަފާރިވެރިންނަށް ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކުތަކުން ވަކި މިންވަރަކަށް ޑޮލަރު ވިއްކި ނަމަވެސް، ބޭރުގައި އުޅޭ ކިޔަވާ ކުދިންނަށް ޑޮލަރު ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސްއިން އެކަންޏެވެ. އެގޮތުން ކޮންމެ ކުއްޖަކަށް މަހަކު 1،000 ޑޮލަރު އެ ބޭންކުން ވިއްކަ އެވެ.

އެމްއެމްއޭގެ އެ ނިންމުމާ ގުޅިގެން އާއްމުންގެ ގިނަ ބަޔަކު ޝަކުވާ ކުރަން ފެށުމުން މަރުކަޒީ ބޭންކުން ވަނީ އެ ނިންމުމަށް ބަދަލުތަކެއް ގެންނަން ނިންމައިފަ އެވެ. އެގޮތުން ގެނެވޭ ބަދަލުގެ ސަބަބުން އެއްއެމްއޭ އިން ބޭންކްތައް މެދުވެރިކޮށް އާއްމުންނަށް ފޯރުކޮށްދޭ ޑޮލަރު ދިނުމުގައި އަމަލު ކުރަންޖެހޭނެ އުސޫލަށް އިސްލާހުތަކެއް ގެނެވި އަދި ލުއިފަސޭހަ ގޮތަކަށް ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެހޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ލިބޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް އެމްއެމްއޭއިން ފަށާފައި މިވަނީ، ބީއެމްއެލްގެ ޚިދުމަތް ހޯދާ ވިޔަފާރިވެރިންނަށް މިހާރަށްވުރެ ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށާއި، ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ފައިސާ ފޮނުވުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެދިވަޑައިގެންފައި ވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންފައި ވަނީ ބީއެމްއެލްއަށް، 40 އަހަރު ފުރުމުގެ މުނާސަބަތުގައި ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.