ބެއިޖިން ކެޕިޓަލް އެއާލައިނުގެ ޖަމްބޯ ޖެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު މެންދުރު ޖެއްސުމާ އެކު ވޯޓާ ސެލިއުޓެއް ދިނެވެ. ތިން އަހަރަށް ފަހު ރާއްޖެ އައި ޗައިނާގެ ޓޫރިސްޓުންގެ ފުރަތަމަ ގްރޫޕު ބޯޓުން ފޭބުމާ އެކު އެ މީހުންގެ މޫނުމަތިން ފެނުނީ އުފާވެރި ކަމެވެ. ބައެއް މީހުންނަށް ހީވީ ކޮވިޑުގެ ވަބާގައި ގައުމުގައި ތިން އަހަރު ބަންދުވެފައި ތިބުމަށް ފަހު ހަމަ ނޭވާއެއް ލެވުނީހެންނެވެ. ރާއްޖޭގެ ހިތްގައިމު މާހައުލުގެ ތާޒާ ވައިގައި ޖެހުމާ އެކު ބައެއް މީހުން ދިޔައީ މޫނުގައި އަޅާފައި އޮތް މާސްކް ވެސް ނަގަމުންނެވެ.

ޗައިނާގެ ފުރަތަމަ ގްރޫޕުން 200 ވަރަކަށް ޓޫރިސްޓުން މިއަދު ރާއްޖެ އައެވެ.

އެ މީހުންނަށް މަރުހަބާ ކިޔުމަށް ޗައިނާ ސަފީރާއި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ވެސް އެއާޕޯޓުގައި ތިއްބެވެ. ބޯޓުން ފޭބުމާ އެކު މަރުހަބާ ކިޔުމުގެ ގޮތުން ކޮންމެ ޓޫރިސްޓަކަށް ވެސް ފިނިފެން މަލެއް ހަދިޔާކުރި އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަންނަން ފެށުމަކީ އިންޑަސްޓްރީ އަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަންނަން ފެށުމަކީ އިންޑަސްޓްރީ އަށް ލިބޭނެ ބޮޑު ކުރިއެރުމެއް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިސްޓުން އުފުލުމަށް ބެއިޖިން ކެޕިޓަލް އިން ރާއްޖެ އަށް ކުރަނީ ޗާޓަރު ދަތުރުތަކެކެވެ.

މި މަހު އަދި އިތުރު ދެ ދަތުރު ކުރާނެ އެވެ. އޭގެ ފަހުން އަންނަ މަހު 1 ގައި ވެސް ފްލައިޓެއް ބާއްވާނެ އެވެ. ކޮންމެ ފްލައިޓެއްގައި 300 މީހުންގެ ޖާގަ ހިމެނެ އެވެ.

ތިން އަހަރަށް ފަހު ޗައިނާގެ ޓޫރިސްޓުންގެ ފުރަތަމަ ގްރޫޕް ވީއައިއޭ އަށް ފައިބަނީ. --ފޮޓޯ:ހުރިހާ ނިއުސް

ޗައިނާ އީސްޓަންގެ ޝެޑިއުލް ދަތުރުތައް މި މަހު 28 ގައި ރާއްޖެ އަށް ފަށާނެ އެވެ. އެ އެއާލައިނުން ހަފުތާއަކު އެއް ދުވަހު ދަތުރުކުރާނެ އެވެ.

ކޮވިޑް- 19 ގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284،029 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ރާއްޖެ އައި ޓޫރިސްޓުންގެ ގާތްގަނޑަކަށް 16 ޕަސެންޓެވެ.

ނަމަވެސް ކޮވިޑާއެކު އެ ގައުމުގައި ދަތުރުފަތުރުކުރުމަށް އެޅި ފިޔަވަޅުތަކާއި ހެދި މިވީ ތިން އަހަރުގެ ތެރޭގައި ޗައިނާއިން ރާއްޖެއަށް ޓޫރިސްޓުން އައިސްފައެއް ނުވެ އެވެ.

ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި އޮންލައިން ޓްރެވަލް އެޖެންޓުކަމުގެ ޚިދުމަތްދޭ، ސީ-ޓްރިޕުން، ޗައިނާ އައުޓްބައުންޑު ޓޫރިޒަމް ރިސަރޗު އިންސްޓިޓިއުޓް އާއި ގުޅިގެން މިއަހަރު ވަނީ ޗައިނާ ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު މަންޒިލްތައް ހިމަނައިގެން ރިޕޯޓެއް ނެރެފަ އެވެ.

ޗައިނީސް ހައި- އެންޑް އައުޓްބައުންޑް ކަސްޓަމައިޒްޑު ޓްރެވަލް ރިޕޯޓުގައިވާ ގޮތުން ރާއްޖެއަކީ ޗައިނާ ޓޫރިސްޓުންގެ މެދުގައި 4 ވަނަ އަށް އެންމެ މަގުބޫލް މަންޒިލެވެ.

ޓޫރިޒަމްގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަންނަން ފެށުމުން ޓޫރިޒަމް އެރައިވަލްސްގައި އެ ގައުމު 10 ޕަސެންޓް ވަރު ހިއްސާކުރާނެ އެވެ.

ތިން އަހަރަށް ފަހު ޗައިނާގެ ޓޫރިސްޓުންގެ ފުރަތަމަ ގްރޫޕާ އެކު އައި ބޯޓު ވީއައިއޭގައި. --ފޮޓޯ:ހުރިހާ ނިއުސް

ކޮވިޑުގެ އާލަމީ ވަބާގައި ދުނިޔެ ބަންދުވުމާ އެކު، މާޗް 2020 ގައި ބަންދުކުރި ޗައިނާގެ ބޯޑަރު، ތިން އަހަރަށް ފަހު، ބައިނަލްއަގުވާމީ ދަތުރުވެރިންނަށް ހުޅުވާލީ މި މަހު 8 ވަނަ ދުވަހު އެވެ. ވޭތުވެދިޔަ ތިން އަހަރަށް ބަލާއިރު ކޮވިޑުގެ އެންމެ ހަރުކަށި އުސޫލުތައް ގެންގުޅުނު ގައުމަކީ ޗައިނާ އެވެ.

ބައެއް ގައުމުތަކަށް ޗައިނާގެ ޓޫރިސްޓުން ދަތުރުކުރުމުގެ ކުރިން ކޮވިޑުގެ ނެގެޓިވް ޓެސްޓެއް ގެންދަން މިހާރު ވަނީ މަޖްބޫރުކޮށްފަ އެވެ. ނަމަވެސް ރާއްޖެ އިން އެފަދަ ފިޔަވަޅެއް ނާޅަ އެވެ.