Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ސީޕްލޭން ޓާމިނަލް. މިތަނުގައި ލައުންޖްތައް ހިންގާނެ ފަރާތްތައް ހޯދަން ވަނީ އިއުލާންކޮށްފައި. ފޮޓޯ: އެމްއޭސީއެލް

މައްސަލަ ބޮޑުވި ސީޕްލޭން ޓާމިނަލުން ލައުންޖްތަކެއް ހަދަން ކުއްޔަށް ދެނީ

FacebookTwitterWhatsAppTelegramViber

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް ހެދި ސީޕްލޭން ޓާމިނަލުން "އެކްޒެކެޓިވް ލައުންޖު"ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބީލަމަށް އިއްޔެ ހުޅުވާލައިފި އެވެ.

އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.

އެތަނުގައި ލައުންޖް ހަދަން ކަނޑައަޅާފައިވާ ޖާގަތައް ޓީއެމްއޭއަށް ދިނުމަށް މަޝްވަރާކޮފައިވާ ކަމަށް ބުނެ އެހެން އޮޕަރޭޓަރުން ޝަކުވާކޮށް ބޮޑު މައްސަލަ ގަނޑަކަށް ހެދި އެވެ. އެމްއޭސީއެލް އާއި ޓީއެމްއޭގެ އެ މަޝްވަރާގެ ކަންތައް ފެންމަތިވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓަކަށް ފަހު އެވެ. އޭރު ނެރުނު އޮޑިޓް ރިޕޯޓްގައިވާ ގޮތުން ޓީއެމްއޭ އިން އެދޭ ގޮތަށް އެ ކުންފުންޏަށް ޓާމިނަލް ކުއްޔަށް ދީފި ނަމަ ދައުލަތަށް އަހަރަކު 41 މިލިޔަން ޑޮލަރު ގެއްލޭނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ސީޕްލޭން ޓާމިނަލްގެ އެެތެރެ. މިތަނުގައި ލައުންޖްތައް ހިންގާނެ ފަރާތްތައް ހޯދަން ވަނީ އިއުލާންކޮށްފައި. ފޮޓޯ: އެމްއޭސީއެލް

އެންމެ ފަހުން އެމްއޭސީއެލް އިން ލައުންޖް ހަދާނެ ޖާގަތައް ކުއްޔަށް ދޭން އިއުލާންކުރީ ފިނޭންސް މިނިސްޓްރީން ދިން އިރުޝާދާ އެއްގޮތަށް ގެންދިއުމާ މެދު އޭސީސީގެ ލަފާ ހޯދުމަށްފަހު އެވެ.

އާ ސީޕްލޭން ޓާމިނަލުން ލައުންޖްތަކެއް ހަދަން އެ ކުންފުނިން ބީލަމަށް ހުޅުވާލިއިރު ކުއްޔަށް ދެނީ ކިތައް ޖާގަ ކަމެއް އަދި ޓީއެމްއޭ އާއި މަންޓާ އަދި އެހެން އެއްވެސް އެއާލައިނަކަށް ޖާގައެއް ދިން ކަމެއް އެމްއޭސީއެލް އިން ނުބުނެ އެވެ.

އެ ކުންފުނިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެ ޓާމިނަލުން "އެކްސެކެޓިވް ލައުންޖު"ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް، ކުއްޔަށް ހިފާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮށްދޭން ޖެހެ އެވެ.

އެމްއޭސީއެލް އިން ބުނީ އެގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރާނެ ކަމަށެވެ. އަދި އެކަމަށް ކުރިމަތިލާ ފަރާތްތަކަކީ ސީޕްލާން، ޓުއާ، ރިސޯޓު އޮޕަރޭޓަރަކަށް ވާންވާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ އެ ޓާމިނަލުން ލައުންޖް ހަދަން ޖާގަ ދޭއިރު 10،000 ޑޮލަރު ނުވަތަ އެއާ އެކަށީގެންވާ ދިވެހި ރުފިޔާ ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަންވާނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ސީޕްލޭން ޓާމިނަލްގެ އެެތެރެ. މިތަނުގައި ލައުންޖްތައް ހިންގާނެ ފަރާތްތައް ހޯދަން ވަނީ އިއުލާންކޮށްފައި. ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލް އިން ބުނީ ބިޑިންގައި ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ބާއްވާ އޮޕްޝަނަލް "ސައިޓް ވިޒިޓް" ސެޕްޓެންބަރު 28 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.

ސީޕްލޭން ޓާމިނަލުން ޖާގަ ހޯދަން ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޯބަރު 11ވަނަ ދުވަހުގެ ހެދުނު 11:00 ގެ ކުރިން ބިޑް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ބިޑްތައް ހުށަހަޅާ ގަޑި ޖެހުމުން ބިޑްތައް ހުޅުވުން އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެ،" އެ އިއުލާނުގައި ބުނެފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top