ރާއްޖެއަށް އެތެރެކުރާ ހިކި ކިރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ، މަޝްހޫރު ކޯސްޓް ބްރޭންޑްގެ ކިރުގެ އަގު އިންތިހާއަށް ބޮޑުކޮށްފި އެވެ.

ކޯސްޓް ކިރު އިމްޕޯޓްކުރާ ބީއެޗްއެމް އިން އާންމުކޮށްފައިވާ އަގުތަކަށް ބަލާއިރު މީގެ ފަހުން ރިޓެއިލްކޮށް ގަންނަ ކޮންމެ ކުޑަ ދަޅަކުން އެވްރެޖްކޮށް 6ރ. އަދި އެންމެ ބޮޑެތި ދަޅުން ވަނީ 30ރ. ބޮޑުވެފަ އެވެ. އަދި އެންމެ ކުޑަ ނުވަތަ 400 ގްރާމްގެ ދަޅު ކޭހަކުން 135ރ، 900 ގްރާމްގެ ކޭހަކުން 145ރ، 1،800 ގްރާމްގެ ކޭހަކުން 140ރ. އަދި 2،500 ގްރާމްގެ ކޭހަކުން ވަނީ 185ރ. ބޮޑުވެފަ އެވެ.

ބީއެޗްއެމް ޓްރޭޑާސް އިން މިފަހަރު ވަނީ ކޯސްޓް ފުލްކްރީމް މިލްކް ޕެކެޓް ވިއްކާ އަގު ވެސް ބޮޑުކޮށްފަ އެވެ. 12 ޕެކެޓް ހިމެނޭ 800 ގްރާމްގެ ކޭހެއް ވިއްކާ އަގު 1،380ރ. އަށް ބޮޑުކޮށްފައިވެ އެވެ. އަދި ހަ ޕެކެޓް ހިމެނޭ 2،250 ގްރާމްގެ ކޭހެއް ވިއްކާ އަގު 1،860ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ.

ކޯސްޓް މިލްކް ޕައުޑާ 800 ގްރާމްގެ ކޭހަކުން 110ރ. އަދި 2،250 ގްރާމްގެ ޕެކެޓަކުން 150ރ. ބޮޑުކޮށްފައިވެ އެވެ.

ކޯސްޓް ކިރު ބޮޑުކުރުމާ އެކު، 400 ގްރާމްގެ ކޯސްޓް ދަޅު ކޭހެއް މިހާރު ވިއްކާ އަގު ވަނީ 1،710ރ. އަށް ބޮޑުކޮށްފަ އެވެ. އަދި 900 ގްރާމްގެ ކޭހެއްގެ އަގު 1855ރ، އަށް ބޮޑުކުރިއިރު 1،800 ގްރާމްގެ ކޭހެއް 1،795ރ، ވަނީ ބޮޑުކޮށްފަ އެވެ. އަދި 2،500 ގްރާމްގެ ކޭހެއް ވިއްކާ އަގު ވަނީ 2،425ރ. އަށް ބޮޑުކޮށްފަ އެވެ. އެކަމަކު، ހޯސޭލްކޮށް ގަންނަ ފަރާތްތަކަށް 10 ކޭހާއި 25 ކޭހުން މަތިން ނަގާ ނަމަ ހާއްސަ އަގުތަކެއް ހަމަޖައްސާފައިވެ އެވެ.

ކޯސްޓް ކިރުގެ މިދިޔަ ތިން އަހަރުގެ ތެރޭގައި ވެސް އެކި ފަހަރު މަތިން ބޮޑުކޮށްފައިވެ އެވެ.