ޅ.ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސް އަކާއި ގއ. ގެމަނަފުށީގައި އައިސްޕްލާންޓެއް ގާއިމުކުރުމަށް އިންޑިޔާގެ ކުންފުންޏަކާ ހަވާލުކުރަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި މިފްކޯ ގުޅިގެން ހިންގާ މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ 23 މިލިއަން ޑޮލަރަށް ރައިނެކް އިންޑިއާ ލިމިޓެޑްއާ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސްގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރް މިހާރު ރާއްޖެއަށް ކުރައްވާމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގަ އެވެ.

މިމަޝްރޫއުގެ ދަށުން ފެލިވަރުގައި ގާއިމުކުރެވޭ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ދުވާލަކު 200 ޓަނުގެ މަސް ފްރީޒްކުރެވޭ ބްރައިން ފްރީޒިން ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓަޑް ސީ ވޯޓާ ސިސްޓަމެއް ވެސް ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އަދި ގއ. ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމުކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މިމަޝްރޫއުގެ ސަބަބުން މިފްކޯގެ ސްޓޯރޭޖް އަދި ފްރީޒިން ކެޕޭސިޓީ އެތައް ތަނެއް އިތުރުވެގެންދާނެ އެވެ. އަދި މަސްވެރިން ބާނާ މަސް ކިރުމުގައި ޒަމާނުއްސުރެ ކުރިމަތިވަމުން އަންނަ ދަތިތަކަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ވަސީލަތްތައް ގާއިމްކުރަން ހަމަޖެހިފައި ވަނީ ސަރުކާރުން އެކަމަށް ފެލިވަރުގެ ފަޅުން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގެ ސަރަޙައްދެއްގައި ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އަދި މި ބިމާއެކު މުޅިން އަލަށް އެކްސްޕޯޓް ޖެޓީއަކާއި، މަސްކިރާ ޖެޓީއެއްގެ އިތުރުން ފެލިވަރުގެ ޢާއްމު ބޭނުންތަކަށް ބޭނުންވާ ޖެޓީއެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ އެ މަސައްކަތްތަކުގެ %85 ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ފެލިވަރުގައި 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެކްޓަރީއެއް ގާއިމުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މިމަޝްރޫޢުގެ ދަށުން 40 ޓަނުގެ ފިޝްމީލް ޕްލާންޓެއް ވެސް ފެލިވަރުގައި ގާއިމުކުރެވިގެންދާނެ އެވެ.