ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސީޕްލޭން ޓާމިނަލް (ނޫވިލު)ގެ ލައުންޖްތައް ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިއުލާންކޮށްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ބުނީ ނޫވިލު ޓާމިނަލްގެ ލައުންޖްތައް އެ ކުންފުނީގެ މިންގަނޑުތަކާ އެއްގޮތަށް ޑިޒައިކޮށް އަދި ލައުންޖްތައް އިމާރާތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ޓީއެމްއޭ އިން ބުނީ އެކަމަށް އެދޭ ފަރާތްތަކުން މިމަހުގެ 25 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ފަހުން ހުށަހަޅާ އީއޯއައިތައް ބަލައިނުގަނެވޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ޓީއެމްއޭއިން ބުނީ އީއޯއައިގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނީގެ ނަމާއި ގުޅޭނެ މައުލޫމާތު، އެޑްރެސް އަދި ކޯޕަރޭޓް ޕްރޮފައިލްއަކާއި ކުރިން ކޮށްފައިވާ މަސައްކަތުގެ މައުލޫމާތާއި ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ އީއޯއައިތައް ދިރާސާކުރުމަށްފަހު ކޯޓޭޝަން ހޯދުމަށް ރަސްމީކޮށް ޓީއެމްއޭއިން އެ ފަރާތްތަކަށް ފޮނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ޓީއެމްއޭ އަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުން ރިސޯޓުތަކަށް އުފުލައިދޭ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ. ވަރަށް އާދައިގެ ގޮތަކަށް ދެ މަތިންދާބޯޓާއެކު 4 ފަސިންޖަރުންނާއެކު ހިދުމަތް ފެށި ޓީއެމްއޭއަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ.

އެ ކުންފުނީގައި ބޭނުންކުރާ ޑީއެޗްސީ-6 ޓްވިން އޮޓާސް މަރުކާގެ 60 މަތިންދާބޯޓުން ރާއްޖޭގެ 80 އަށް ވުރެ ގިނަ ރިސޯޓަށް އަހަރަކު މިލިއަނަކަށް ވުރެ ގިނަ ފަސިންޖަރުން އުފުލަ އެވެ.

ޓީއެމްއޭއަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏަށްވެ، ޓޫރިޒަމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދިނުމުގެ އިތުރުން އެ ކުންފުންޏަކީ ޓޫރިޒަމް އިންޑަސްޓްރީގެ މައިބަދަ އެވެ.