ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރެވެ.

މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ހަވާލުކުރި މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި އެއާޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ގާއިމްކުރާނެ އެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ.

މި މަޝްރޫއު ނިމޭނެކަމަށް ލަފާކޮށްފައި ވަނީ 2024 ވަނަ އަހަރަށެވެ.

މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 ސައިޒުގެ ބޯޓުފަހަރު އެ އެއާޕޯޓްގައި ޖައްސާނެ އެވެ.

ބައިނަލްއަގުވާމީ ބޮޑެތި ފްލައިޓްތައް ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ޖެއްސުމަށް ވެސް ނިމުން އަންނާނެ އެވެ.

މިކަމުގެ ސަބަބުން އުތުރުގެ ވިޔަފާރި އާއި އިގްތިސާދު ރަނގަޅުވާނެ އެވެ. ހަމައެހެންމެ މަސް ގަނެ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތާޒާކަމާއެކު އެކްސްޕޯޓްކުރާ ކުންފުނިތަކަށް އެއާޕޯޓް ތަރައްގީކުރުމުން ފަހި ފުރުސަތުތަކެއް ލިބޭނެ އެވެ.