މާދަމާއިން ފެށިގެން ވިލިމާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށަން ނިންމައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ، ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:30 ގައި ކަމަށެވެ އަދި މި ހިދުމަތް ފަށާތާ ފުރަތަމަ ދެ ހަފްތާގައި އަގު ނުނަގަން ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެ އެވެ.

މި ހިދުމަތަށް ހަ ބަހެއް ބޭނުންކުރުމަށް ނިންމާފައިވާއިރު، މި ބަސްތަކުގައި 11 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓާއި، 4 މީހުންނަށް ކޮޅަށްތިބެވޭނެ ޖާގަވެސް އޮންނާނެ އެވެ. އެއާއެކު ޖުމްލަ 15 މީހުންނަށް މި ބަހުގައި ދަތުރުކުރެވޭނެ އެވެ.

އެމްޓީސީސީން ބުނިގޮތުގައި ވިލިމާލޭގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރޯނިކް ބަސްތަކެވެ.

އެމްޓީސީސީން ވިލިމާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފަށާއިރު، މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭން ތައްޔާރުވެފައިވާ ކަމަށް ބުނެފަ އެވެ.