ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވާލުމާއެކު، އަންނަ ފްލައިޓްތައް އިތުރުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބިޒީވާން ފަށައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޮޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވި ދުވަހުން ފެށިގެން އޮގަސްޓް 15 އަށް ވީއައިއޭގައި ޖުމްލަ 764 އެއާ ޓްރެފިކް މޫވްމަންޓް ހިނގާފައިވެ އެވެ. އެއީ، 399 ބައިނަލްއަގުވާމީ އެއާ ޓްރެފިކް މޫވްމަންޓް އަދި 365 ޑޮމެސްޓިކް މޫވްމަންޓް އެވެ.

ނަމަވެސް އެ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އޮގަސްޓް މަހު އެކަނި 758 ފްލައިޓް މޫވްމަންޓް ހިންގާފައިވެ އެވެ. އެގޮތުން މިދިޔަ މަހު 432 އިންޓަނޭޝަނަލް ފްލައިޓް މޫވްމަންޓް ހިނގާފައިވެ އެވެ. އަދި ޑޮމެސްޓިކް 326 މޫވްމަންޓް ހިނގާފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައިމަހު 2،890 މީހުން ރާއްޖެ އައިއިރު އޮގަސްޓް މަހު 11،186 މީހުން އައިސްފައިވެ އެވެ. އަދި އެތެރޭގެ އުދުހުންތަކުގައި ޖުލައި މަހު 1،954 ދަތުރުކުރިއިރު، މިދިޔަ މަހު 3،282 މީހުން ދަތުރުކޮށްފައިވެ އެވެ.

އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި މަހު އެ އެއާޕޯޓުން 4،106 މީހުން ފުރިއިރު، މިދިޔަ މަހު 14،45 މީހުން ފުރާފައިވެ އެވެ. މީގެ އިތުރުން ޖުލައި މަހު 2،555 މީހުން ޑޮމެސްޓިކް ދަތުރުކުރިއިރު މިދިޔަ މަހު 3،438 މީހުން ދަތުރުކުރި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު އަލުން ޖުލައި 15ގައި ހުޅުވުމުން މިހާތަނަށް 43 ރިސޯޓު ހުޅުވައިގެން އަންނަނީ ހިދުމަތް ދެމުންނެވެ.

އެމްއެމްޕީއާރުސީން ބުނީ މިދިޔަ އޮގަސްޓްމަހު ވެސް 28 ރިސޯޓު އަލުން ހުޅުވައިގެން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި މިމަހުގެ ތެރޭގައި އިތުރު 29 ރިސޯޓު ހުޅުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ބޯޑަރު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ދަތުރުތައް ފެށީ ގަތަރު އެއާވޭސް އިންނެވެ. އޭގެ ފަހުން އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސް، އަދި އިންޑިއަން އެއާލައިންސް އާއި އިންޑިގޯ އިން ވަނީ ދަތުރުތައް އަލުން ފަށައިފަ އެވެ. މީގެ އިތުރުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ރަޝިއާގެ އެއިރޯފްލޮޓްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.