ގދ. ތިނަދޫ ބަނދަރަށް ރާއްޖެއިން ބޭރުން އަންނަ ކާގޯ ބޯޓުތައް ކައިރިކުރެވޭ ގޮތަށް ހަދަން ތަރައްގީކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ޓުޓިކޮރިން އާއި ރާއްޖޭގެ ދެކުނު ގުޅާލާ ކާގޯ ޝިޕިންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޯޓު އެޅުމަށް ކަނޑައެޅި ސަރައްދު ތަރައްގީ ކުރުމަށް އެމްޕީއެލް އިން މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އާއި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

ޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ތިނަދޫ ރީޖަނަލް ޕޯޓުވެސް އޮޕަރޭޓު ކުރާނީ އެމްޕީއެލް އިން ހިންގާ ހދ ކުޅުދުއްފުށި ޕޯޓާއި ސ ހިތަދޫ ޕޯޓާއި އެއްގޮތަށް ކަމަށެވެ.

ތިނަދޫ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް އެމްޕީއެލް އިން އެމްޓީސީސީއާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރަނީ. ފޮޓޯ: އެމްޕީއެލް

ތިނަދޫ ބަނދަރު ގާއިމްކުރުމަށް އެރަށުން 108،000 އަކަފޫޓުގެ ބިމެއް އެރަށުން ވަނީ އެމްޕީއެލް އަށް ދީފަ އެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުންޏާއި އެމްޓީސީސީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ތިނަދޫ ޕޯޓު ހަދާ ބިމުގައި ބިން އެއްވަރުކޮށް ސެކިޔުރިޓީ ފެންސް ޖަހައި ސްޓޯމް ވޯޓާ ޑްރެއިނޭޖު ގާއިމް ކުރާނެ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި، އެ ބިމުގައި 5،000 އަކަފޫޓުގެ ގުދަނެއް ހަދައި އެޑްމިން އިމާރާތެއް އަޅައި ޔާޑް ލައިޓް އަދި އެހެން ހިދުމަތްތައް ގާއިމް ކުރުމަށް އެމްޓީސީސީ އާއެކު އެއްބަސްވުމެއް އެކުލަވާލާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިނަދޫ ޕޯޓަށް ބޭނުންވާ ކެރޭނާއި ފޯކްލިފްޓު ފަދަ އިކުއިޕްމެންޓް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެމްޓީސީސީގެ މަސައްކަތް ނިމޭއިރު އެތަކެތި ގެނެވޭނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންގެ މަގުސަދަކީ ސްޓޭޓް ޝިޕިންގެ ވެސެލްއަށް ހިދުމަތް ދެވޭނެ ވަރަށް ވަސީލަތްތައް ގާއިމް ކުރުން. އަދި މާލެއިން ޓްރާންސިޓްކޮށް ގެނެވޭ ކާގޯއިން ވެސް ހިދުމަތް ދެވޭނެ ވަސީލަތްތައް ގާއިމް ކުުރުން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިނަދޫ ޕޯޓުން ޓްރާންސިޓް ކާގޯގެ ހިދުމަތާއި ކަސްޓަމްް ކްލިއަރެންސް އަދު މުދާ ގުދަންކުރުމުގެ ހިދުމަތް ދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޕޯޓަށް ބޭނުންވާ މުވައްޒަފުން ހޯދަން އިއުލާނު ކުރާނެ ކަމަށާއި މުވައްޒަފުން ނަގާއިރު އިސްކަންދޭނީ ތިނަދޫ އަދި ހުވަދޫ އަތޮޅުން މުވައްޒަފުން ނެގުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދޫގައި އަޅާ ބައިނަލްއަގްވާމީ ބަނދަރުގެ އޮޕަރޭޝަންތައް ފެށުމަށް އަންނަ އަހަރުގެ ބަޖެޓުގައި 3.3 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އެމްޓީސީސީގެ ސީއީއޯ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެ ކުންފުންޏާ ހަވާލު ކުރާ ހުރިހާ މަސައްކަތެއް ވެސް ތާރީހަށް ނިންމާނެ ކަމަށެވެ. އެހެންކަމުން ޕޯޓުގެ މަސައްކަތް ވެސް 45 ދުވަހުގެ ތެރޭގައި ނިންމައި ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.