މާލެ ސަރަހައްދުގައި ދަތުރު ދާން ސަރުކާރުން ތަރައްގީކުރާ ކުޑަގިރި އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވެ ކުޑަގިރި ޗާލު މަންޒަރުތައް ފެންނަ ވީޑިއޯ އާއި ފޮޓޯތަކެއް އާންމުކޮށްފި އެވެ.

މާލެ ސަރަހައްދުގައި ދަތުރު ދާނެ ރަށެއް ތަރައްގީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެ ދަށުން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާއީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގާ މަޝްރޫއުއެކެވެ. މީގެ ކުރިން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިތް އުފާކޮށްލުމަށް ހާއްސަވެފައި އޮތް ކުޑަބަނޑޮސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައިވަނީ އަމިއްލަ ވިޔަފާރިއަކަށް ދޫކޮށްލާފަ އެވެ. އަދި މިކަމުގެ ސަބަބުން މާލެ ކައިރީގައި ދަތުރު ދިޔުމަށް އޮތް ލުއި ފުރުސަތު ހަނިވެގެންދިއަ އެވެ. މިގޮތުން، އެޗްޑީސީން ވަނީ ކުޑަގިރީގެ މަސައްކަތް ނިންމާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުވެފަ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް ދަތުރު ދިޔުމަށް ސަރުކާރުން މާލެ ކައިރިން ރަށެއް ކަނޑައަޅާފައިވަނީ 2019 ވަނަ އަހަރު އެވެ. ސަރުކާރާއި އެޗްޑީސީ ގުޅިގެން މިތަން ހުޅުވުމުގެ މަސައްކަތް ކުރިޔަށްދާއިރު މިހާރު މިވަނީ މި ރަށުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލާ ރަށް އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވެފަ އެވެ. ކުޑަގިރީގައި އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް ލިބިގެންދާނެ އެވެ. އެޗްޑީސީން ވަނީ ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުވެފަ އެވެ. މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެ އެވެ.

ކުޑަގިރި

ކުޑަގިރި އާންމުންނަށް ހުޅުވާލެވިގެންދާއިރު މި ރަށުގައި ތަފާތު އެކި ކަންކަން ކުރެވޭނެ އެވެ. ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިތަނުގައި ކައިވެނީގެ ހަފްލާތަކާއި، އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށްވެސް ފުރުސަތު ދެވިގެންދާނެ އެވެ. މީގެ އިތުރުން، މި ރަށުގައި ޑައިވިން އަދި ވޯޓާސްޕޯޓްސްގެ ގިނަ ހަރަކާތްތަކުގެ އިތުރުން ޓުއަރިސްޓުންނަށްވެސް މި ރަށަށް ޒިޔާރާތްކުރުމުގެ ފުރުސަތު ދެވިގެންދާނެ އެވެ.

ކުޑަގިރި

ކުޑަގިރިއަށް ޕިކްނިކްދާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ކަންކަންވެސް އެޗްޑީސީން ވަނީ ފޯރުކޮށްދީފަ އެވެ. އެގޮތުން، މިތަނުގައި ފާހަނާބަރި، ޗޭންޖިންގ ރޫމާއި ނާސިންގް ރޫމްވެސް ވަނީ ގާއިމުކޮށްފަ އެވެ. މި ނާސިންގް ރޫމް ގާއިމްކުރެވިފައިވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުންފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތަކާއިއެކު އެވެ. އަދި މިސްކިތަކާއި، ކްލިނިކްއަކާއި، ކޮންވީނިއެންސް ސްޓޯރ އަދި ރީޓެއިލް ސްޓޯރގެ އިތުރުން މިރަށުގައި ކެފޭއެއްވެސް ވަނީ ގާއިމުކުރެވިފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށުގެ ފެނާއި ކަރަންޓުގެ ހިދުމަތް ވަނީ ފޯރުކޮށްދެވިފަ އެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފައެވެ. އަދި އާންމުން ބޭނުންކުރުމަށް ތޭރަ ކުޑަ އަށި އަދި ހަތަރު ބޮޑު އަށިވަނީ ގާއިމުކޮށްފައެވެ. ކުޑަގިރީގައި ޤާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓަރ އަދި ވޯޓަރ ސްޕޯޓްސް ސެންޓަރ ހިމެނެ އެވެ. މީގެއިތުރުން، އެޑްމިން ބިލްޑިންގ އަކާއި، ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް މި ރަށުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވެ އެވެ. ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް މާލެ އާއި ހުޅުމާލެއިން ޓިކެޓް ދޫކުރުމުގެ އިންތިޒާމްތައްވެސް ހަމަޖެހިފައިވެ އެވެ.

ކުޑަގިރި

ކުޑަގިރީގެ މަސައްކަތް ނިންމާ މިރަށް ހުޅުވާލާއިރު މިރަށަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ކަންކަން އުނދަގުލެއްނެތި ލިބޭނެ އިންތިޒާމްތައް މިވަނީ ހަމަޖެހިފަ އެވެ. މި ރަށް ހުޅުވާލެވޭއިރު ޕިކްނިކް ދިޔުމަށް ހަދައިފައިވާ އެންމެ ފުރިހަމަ ރަށްކަމުގައި ކުޑަގިރި ވެގެންދާނެކަން ޔަގީނެވެ. އަދި މާލެ ސަރަހައްދުގައި ރައްޔިތުންނަށް އަތްފޯރާ ފަށުގައި އިހުގެ ޒަމާނީ ދަތުރު ދިއުމުގެ އާދަ އިޔާދަކުރުމުގެ ފުރުޞަތު އަލުން ހުޅުވިގެންދާނެ އެވެ.