ވިޔަފާރީގެ މުޢާމަލާތްކުރުމަށް ދުނިޔޭގެ ގިނަ ކުންފުނިތަކުން ބޭނުންކުރާ "އެސްއޭޕީ އަރީބާ" ނެޓްވޯކް އެސްޓީއޯއިން ތައާރަފުކޮށްފި އެވެ.

އަރީބާ ނެޓްވޯކަކީ އެސްޓީއޯއާއި ސަޕްލަޔަރުންނާއި ފަސޭހައިން މުއާމަލާތްކުރެވޭނެ ނެޓްވޯކެކެވެ.

އެސްޓީއޯއިން އަރީބާ ނެޓްވޯކް ތައާރަފުކުރީ ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

މި ނެޓްވޯކް ރަސްމީކޮށް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝިފާން އެވެ.

އެސްޓީއޯއިން ބުނިގޮތުގައި މި ނެޓްވޯކްގެ ސަބަބުން ސަޕްލަޔަރުންނަށް މުއާމަލާތްތަކުގައި އެއްބާރުލުން ދީ، ގުޅުން ބަދަހިކޮށް، ވިޔަފާރީގެ އައު ފުރުސަތުތައް ހޯދުމުގައި ފަސޭހަވެގެންދެ އެވެ.

އެސްޓީއޯއިން ބުނީ މިއީ ފަސް ދުވަހުގެ ޕްރޮކިއުމަންޓު މަސައްކަތް 5 ގަޑިއިރަށް ބަދަލުކޮށްދޭނެ ނެޓްވޯކެއް ކަމަށާއި ނެޓްވޯކަށް މަސައްކަތްތައް ބަދަލު ކުރާނީ، ނެޓްވޯކާ ގުޅޭ ގޮތުން ސަޕްލަޔަރުންނަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް، އެ ނެޓްވޯކަށް އަހުލުވެރިވުމުން ކަމަށެވެ. އަދި މީގެ ސަބަބުން އެސްޓީއޯގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމަކާއި ފަސޭހައެއް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަރީބާ ނެޓްވޯކަކީ ކްލައުޑް ބޭސްޑް ވިއުގައެކެވެ. މި ވިއުގައިގެ ދަށުން، އީމެއިލް މެދުވެރިކޮށް ކުރަމުންދާ ހުރިހާ މުޢާމަލާތްތައް އަރީބާ ނެޓްވޯކް މެދުވެރިކޮށް ކުރެވޭނެ އެވެ. އަދި ބިޑްތައް ފޮނުވުމާއި، ބިޑް ހުށެޅުން ފަދަ މަސައްކަތްތައް ވެސް އަރީބާގެ ތެރެއިން ކުރެވޭނެ އެވެ. މީގެ އިތުރުން، އެއްބަސްވުންތަކުގައި ސޮއި ކުރުން ފަދަ ކަންކަން ވެސް އަރީބާގެ ތެރެއިން ކުރެވޭނެ އެވެ.

އަރީބާ ނެޓްވޯކަށް ވިޔަފާރިވެރިންނާއި ސަޕްލަޔަރުން އަހުލުވެރިކުރުމަށް ޚާއްސަ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ކުރާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެ އެވެ.