ނޯޑިކްގެ ޓްރެވަލް ޓްރޭޑް އަދި ކޮންސިއުމާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް މަޓްކާ ނޯޑިކް ޓްރެވަލް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މި ފެއާ ކުރިއަށްދަނީ މިމަހުގެ 19 - 22ގެ ނިޔަލަށް ފިންލޭންޑްގެ މެސޫކެސްކަސް ހެލްސިންކީ އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގަ އެވެ.

އެމްއެމްޕީއާރުސީއާ އެކު މި ފެއާގައި 13 އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވެފައިވެ އެވެ.

އެމްއެމްޕީއާރުސީން މި ފެއާގައި މި އަހަރު ބައިވެރިވަނީ ދެ އަހަރުގެ މެދު ކެނޑުމަކަށް ފަހު އެވެ. މަޓްކާއަކީ އުތުރު ޔޫރަޕްގެ އެންމެ ބޮޑު ޓްރެވަލް ފެއާ އެވެ.

ނޯޑިކްގެ ޓްރެވަލް ޓްރޭޑް އަދި ކޮންސިއުމާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް މަޓްކާ ނޯޑިކް ޓްރެވަލް ފެއާގައި ރާއްޖެ ޕްރޮމޯޓްކުރަނީ. ފޮޓޯ: އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީން ބުނީ މި ފެއާގައި 80 އަށް ވުރެ ގިނަ ގައުމުން 1000 އަށް ވުރެ ގިނަ ޓްރެވަލް އޯގަނައިޒަރުންނާއި ޑެސްޓިނޭޝަންތަކާއި ޓޫރިޒަމް އޯގަނައިޒޭޝަންތައް ބައިވެރިވާ ކަމަށެވެ. މި ޓްރެވަލް ފެއާގައި 68،000 އަށް ވުރެ ގިނަ ވިޒިޓަރުން ބައިވެރިވާނެ ކަމަށް ލަފާކުރެ އެވެ.

މިފެއާގައި ބައިވެރިވުމަކީ ނޯޑިކް މާކެޓުގައި ދިވެހިރާއްޖޭގެ ބްރޭންޑް ވަރުގަދަކުރުމަށް ލިބޭ ބޮޑު ފުރުސަތެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ދެކެ އެވެ.

މި ފެއާގެ ރާއްޖޭގެ ސްޓޭންޑު ހަދާފައި ވަނީ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ރީތިކަމާއި އަމާންކަން ތަމްސީލުކޮށްދޭ ގޮތަށެވެ. އަދި މި ސްޓޭންޑަކީ އިންޑަސްޓްރީގެ ބައިވެރިންނާއި ފެއަރގެ ބައިވެރިންގެ ދެމެދުގައި ބައްދަލުވުންތައް ބޭއްވޭގޮތަށް ފަރުމާކޮށްފައިވާ ސްޓޭންޑެއް ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސަގާފީ ސެޓްއަޕެއްގައި ޚާއްސަ ސޯޝަލް މީޑިއާ ފިލްޓަރުތައް ބޭނުންކޮށްގެން ފޮޓޯނަގާ ސޯޝަލް މީޑިޔާ އެކައުންޓްތަކުގައި ޕޯސްޓް ކުރުމަށް ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކެލިގްރަފީ ބުކްމާކެއް ހަދިޔާކޮށް، ދިވެހިރާއްޖޭގެ މީރު ރަހަތައް ތަޖްރިބާކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

މަތީ ފަންތީގެ ފަތުރުވެރިން ގިނަ ނޯޑިކް މާކެޓަކީ ރާއްޖެއަށް ވަރަށް އުންމީދީ މާކެޓެކެވެ. މިދިޔަ އަހަރު 30,493 ޓޫރިސްޓުން ވަނީ ނޯޑިކް މާކެޓުން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މި މާކެޓަށް އަމާޒުކޮށް އެމްއެމްޕީއާރުސީ އިން ވަނީ މިދިޔަ އަހަރު ގިނަ ކެމްޕޭންތަކެއް ހިންގާފަ އެވެ.

އޭގެ ތެރޭގައި ބްލިކްސަން ޓުއާސް އާއެކު ކުރިއަށްގެންދިޔަ ޖޮއިންޓް ކެމްޕޭނަކާއި ފެމިލަރައިޒޭޝަން ދަތުރެއްގެ އިތުރުން ނޯޑިކް ޓްރެވަލް ޓްރޭޑަށް އަމާޒުކޮށްގެން ވެބިނާއެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. މި އަހަރު ވެސް ގިނަ ކެމްޕޭންތަކެއް މި މާކެޓަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.

2022 ވަނަ އަހަރު އެމްއެމްޕީއާރުސީން ޖުމްލަ 176 ހަރަކާތް ހިންގާފައިވާއިރު، މީގެ ތެރޭގައި 90 މާކެޓިން ކެމްޕޭން، 42 ފެއާގައި ބައިވެރިވުން، 6 ރޯޑްޝޯ ހޯސްޓުކުރުން، 10 ވާޗުއަލް އިވެންޓް، 18 ފެމިލަރައިޒޭޝަން ދަތުރު، އަދި 10 އެހެނިހެން އިވެންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިންގާފަ އެވެ.