މި އަހަރުގެ ފުރަތަމަ 18 ދުވަހު ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %22.8 އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ 18 ދުވަހު 97،873 ޓޫރިސްޓުންގެ ރާއްޖެ އައިސްފައިވެ އެވެ. މިިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 79،718 ޓޫރިސްޓުންނެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 5،437 ޓޫރިސްޓުން ރާއްޖެ އާދެ އެވެ. އެ ޓޫރިސްޓުން އެވްރެޖުކޮށް 8.2 ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ.

އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމު:

  1. ރަޝިއާ - 15،218 ޓޫރިސްޓުން ޖުމްލަ ޓޫރިސްޓުންގެ %152
  2. އިޓަލީ - 10،660 ޓޫރިސްޓުން؛ ޖުމްލަ ޓޫރިސްޓުންގެ %10.9
  3. އިންޑިއާ - 9،242 ޓޫރިސްޓުން، ޖުމްލަ ޓޫރިސްޓުންގެ %9.44
  4. އިނގިރޭސިވިލާތް - 7.982 ޓޫރިސްޓުން؛ ޖުމްލަ ޓޫރިސްޓުންގެ %8.2
  5. 5-ޖަރުމަނު - 5،980 ޓޫރިސްޓުން؛ ޖުމްލަ ޓޫރިސްޓުންގެ %6.1

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ބައިނަލްއަގުވާމީ 36 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރެ އެވެ. ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ޗައިނާ އިން ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މިދިޔަ ހަފުތާގައި ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފަ އެވެ.

ޗައިނާ ޓޫރިސްޓުންނާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިއަހަރު ބޮޑު ތަނުން އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.