Advertisement

ޑޮލަރުގެ އަގު މައްޗަށް ދާންވީ ސަބަބެއް ފިނޭންސް މިނިސްޓަރަށް ނޭނގުނު

FacebookTwitterWhatsAppTelegramViber

ރާއްޖެއަށް މުދާ އިމްޕޯޓްކުރާ މިންވަރު 50 ޕަސެންޓަށް ދަށްވެ، ބޭންކުތަކަށް އެމްއެމްއޭ އިން ޑޮލަރު ދޫކުރާ މިންވަރު އިތުރުވެފައިވީ ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެންވީ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމުގައި އިއްޔެ ރޭ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކުގައި ޑޮލަރުގެ ރޭޓުތައް ވަރަށް ބޮޑަށް ދަށަށް ދިޔަތަން ފެނިގެންދިޔަ ކަމަށެވެ. ނަމަވެސް ރާއްޖެއިން އިމްޕޯޓަށް ޑޮލަރުން ކުރާ ހަރަދު 50 ޕަސެންޓް ދަށްވެ، އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުވުމުން ވެސް ޑޮލަރުގެ އަގު މައްޗަށް އުފުލުނީ އެކްސްޗޭންޖު ރޭޓު މާކެޓް ހިންގުމުގެ އޮނިގަނޑުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ މައްސަލަތައް ހައްލުކުރުމަށްޓަކައި މިހާރު އެމްއެމްއޭއާއި ސެންޓްރަލް ބޭންކާއި، އަދި އިގްތިސާދީ މިނިސްޓްރީތަކާ އެއްކޮށް ވާހަކަތަކެއް ދައްކަމުން އެބަގެންދަން. ބަދަލުތަކެއް ގެނެސްގެން ވެސް ލީގަލް ފްރޭމްވޯކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ވެސް އެބަޖެހޭ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކްސްޗޭންޖްރޭޓު މާރުކޭޓު ހިނގާގޮތަށް ރާއްޖޭގައި ވެސް އެކަންތައް ބަދަލުކުރުމަށްޓަކައި މަސައްކަތްތައް ކުރުން. އެ މަސައްކަތް އަޅުގަނޑުމެން މިހާރު އެބަ ކުރިއަށް ގެންދަން،" އަމީރު ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށް ޓޫރިސްޓުން އައުން ވަރަށް ބޮޑަށް މަދުވެ، ޑޮލަރުން އާމްދަނީ ލިބުން ވަނީ އެތައް ގުނައެއް މަދުވެފަ އެވެ. އެއާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 19ރ. އަށް އުފުލިފަ އެވެ.

ޑޮލަރުގެ މައްސަލަ ހައްލުކުރަން ފިކްސްޑް އެކްސްޗޭންޖް ރޭޓްގެ ބަދަލުގައި ފްލޯޓިން އެކްސްޗޭންޖް ރޭޓަކަށް ބަދަލުކުރަނީ ކަމެއް މިނިސްޓަރު ސީދާ ވިދާޅެއް ނުވެ އެވެ.

މިނިސްޓަރު ހަމައެކަނި ވިދާޅުވީ މިހާރު ރާއްޖޭގެ ޑޮލަރު ރަސްމީ ރޭޓަށް ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ.

1
ހިޔާލު

avatar
600
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ޙުސޭން Recent comment authors
newest oldest most voted
ޙުސޭން
Guest
ޙުސޭން

ތިސުއާލު ކުރީގެ ރައީސް މައުމޫނާ ސުއާލުކޮށްލުން ރަނގު... ކިހިނެއްތޯ 11.82ރ ގައި އެތަކެއް އަހަރެއް ވަންދެން ޑޮލަރ ގެ އަގު މައްޗަށް ދިޔަނުދީ ހިފެހެއްޓީ؟

ލިޔުމާ ގުޅޭ

scroll to top