Advertisement

ހުއްދަ ދޭނީ ރައްކާތެރިކަމުގެ މިންގަނޑަށް ފެތޭ ގެސްޓްހައުސްތަކަށް

FacebookTwitterWhatsAppTelegramViber

ކޮވިޑާ ގުޅިގެން ބަންދުކުރި ރަށްރަށުގެ ގެސްޓްހައުސްތައް އަލުން ހުޅުވަން ހުއްދޭނީ އެޗްޕީއޭއިން ކަނޑައަޅާ މިންގަނޑަށް ގެސްޓްހައުސްތައް ފެތޭނަމަ އެރަށެއްގެ ކައުންސިލުން އެދުމުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރުގެ ނައިބު އައްސަދު ރިޒާ ވިދާޅުވީ ޓޫރިސްޓުންނަށް ޚިދުމަތް ދިނުމުގެ ހުއްދަ ގެސްޓުހައުސްތަކަށް އަލުން ދިނުމުގައި އެ ގެސްޓްހައުސްއެއްގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށާއި އެޗްޕީއޭގެ ގައިޑްލައިންގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަވެފައިވާ މިންވަރަށް ބަލާނެ ކަމަށެވެ. އަދި ގެސްޓްހައުސްތަކަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ވިޔަފާރިއަކަށް ވާތީ ކައުންސިލްތަކާއި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޗްޕީއޭއިން ކަނޑައަޅާ މިންގަނޑުތަކާއި އެލައިންވާ ގޮތައް ގައިޑްލައިން އެކުލަވާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ގެސްޓްހައުސްތައް ހިންގާ ރަށްރަށުގެ ކައުންސިލުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގެސްޓްހައުސް ހުޅުވުމުގެ ހުއްދައަށް އެދުމުން މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަ ދެމުންގެންދާނެ. މި ގައިޑްލައިންގެ ދަށުން ކުރިން އޮޕަރޭޓްކުރި ގޮތަށް މިނިވަންކަންމަތީ ގެސްޓްހައުސް އޮޕަރޭޓްކުރުމުގެ ފުރުސަތު ނޯވެދާނެ،" އައްސަދު ވިދާޅުވި އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގްގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ގެސްޓްހައުސްތައް ހުޅުވުން ލަސްކުރީ ގެސްޓުހައުސްތަކަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ތަންތަނަށް ވުމުގެ އިތުރުން ރާއްޖޭގައި ކޮވިޑް ފެތުރެމުންދާ ގޮތް އިތުރަށް ބަލަން ކަމަށެވެ. ގެސްޓުހައުސްތައް އަލުން ހުޅުވާލަން ހުއްދަ ދޭން ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ޑރ. ޝަހީދު ވިދާޅުވީ، ގެސްޓުހައުސްތައް ހުޅުވާލަން ހުއްދަ ދިންކަމުގައި ވިޔަސް މާލޭ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވާލުމުގެ ހުއްދަ ދޭން އަދި ނިންމާފައިވާ ނުވާ ކަމަށެވެ. އެއީ ރާއްޖެއިން ފެެންނަ ގިނަ ކޭސްތަކަކީ ގްރޭޓާ މާލެ ސަރަހައްދުން ރިޕޯޓް ކުރެވޭ ކޭސްތަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޝަހީދު ވިދާޅުވީ ޓޫރިސްޓުންނަށް ޚިދުމަތްދިނުމުގެ ހުއްދަ ގެސްޓުހައުސްތަކަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވަނީ ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ވަކިވަކި ކައުންސިލްތަކާއި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެޗްޕީއޭގެ މަޝްވަރާގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ގެސްޓްހައުސް ހިންގާ އިމާރާތްތަކަކީ އާއްމުން ދިރިއުޅޭ އިމާރާތަކަށް ވެގެން ނުވާނެ އެވެ. އަދި ޓޫރިސްޓަކު ނުވަތަ މުވައްޒަފަކު ޕޮޒިޓިވްވުމުން އެކަހެރިކޮށްފައި ބަހައްޓާނެ ތަނަކާއި ބަލި ޖެހިފައިވާ މީހުންނާއި ކޮންޓެކްޓްވާ މީހުން ކަރަންޓީން ކުރާނެތަނެއް ވެސް ހަމަޖައްސަން ޖެހެ އެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިންނަށް ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު ލޯކަލް ޓޫރިޒަމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައިވެސް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކަކާއިއެކު ރަށްރަށުގައިހުރި ގެސްޓްހައުސްތަކުން ފަތުރުވެރިނަށް ޚިދުމަތް ދިނުމުގެ ހުއްދަ ދޭން މިހާރު މިވަނީ ނިންމާފައެވެ. ރާއްޖޭގެ 86 ރަށެއްގައި ދިހަހާހަށްވުރެ ގިނަ ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ.

ގެސްޓު ހައުސްތައް ހުޅުވާލަން ސަރުކާރުން ނިންމާފައިވާއިރު، ކޮވިޑުގެ ހާލަތާއި ގުޅިގެން ބައެއް ގެސްޓުހައުސްތައް ވަނީ އެއްކޮށް ބަންދުކޮށްފަ އެވެ. އަދި މިގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮންނަން ޖެހުމުގެ ސަބަބުން މި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޮޑެތި މާލީ ގޮންޖެހުންތަކަކާ އަންނަނީ ކުރިމަތިވަމުންނެވެ. ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ލަފާކުރުންތަކަށް ބަލާއިރު، މި އަހަރު އެކަނިވެސް ގެސްޓް ހައުސް ވިޔަފާރިއަށް 29 މިލިއަން ޑޮލަރުގެ (446.6 މިލިއަން ރުފިޔާގެ) ގެއްލުމެއް ލިބޭނެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top