ކ. ކާށިދޫ އާއި ފ.ނިލަންދޫގެ ފަޅު ހިމެނޭހެން ރިސޯޓު ތަރައްގީކުރުމަށް އާ ރަށްތަކެއް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

ރިސޯޓު ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިބުރުގައި 9 އަތޮޅަކުން 14 މަޝްރޫއެއް ވަނީ ހުޅުވާލާފަ އެވެ.

ޓޫރިޒަމަށް ދޫކުރާ ރަށްރަށާއި ފަޅުތައް:

  • ހއ. އަލިދުއްފަރުފިނޮޅު
  • ހއ. މެދަފުށި
  • ހދ. ކުޑަފަރުފަސްގަނޑު
  • ރ.އެއްތިގިލި އަދި ރ. އަލިފުށި ފަޅުން 10 ހެކްޓަރު ހިއްކުން
  • ކ. ކާށިދޫފަޅުގެ ސަރަހައްދުން ބައެއް
  • މ. ބޯހުރާ
  • ފ. ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް -1
  • ފ. ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް – 2
  • ތ. އޮޅުފުށި ( އޮޅުފުށިފިނޮޅާއި އެކު)
  • ގއ ބޭރަމައުއްޑޫ
  • ގއ. ފުނަދޫ ވިލިގިއްލާ
  • ގދ. ހާދުއާ
  • ގދ. ކަޅެހުއްޓާ
  • ގދ. ފެރޭތަ ވިލިނގިލި (ކްލަސްޓާއެއްގެ ގޮތުގައި)

އަލަށް ހުޅުވާލާފައިވާ ރަށްތަކުގެތެރެއިން އެންމެ ބޮޑު ލީޒް އެކިއުޒިޝަން ކޯސްޓެއް ދައްކަން ޖެހެނީ ކ. ކާށިދޫ އާއި ފ. ނިލަންދޫ ފަޅުން ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއަށެވެ. އެގޮތުން މިއިން ކޮންމެ މަޝްރޫޢަކަށް އެންމެ މަދުވެގެން ލީޒް އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި 2.2 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ.

މި ރަށްތަކުގައި ރިސޯޓު ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 6 ވަނަ ދުވަހާއި މާޗު މަހުގެ 5ވަނަ ދުވަހު ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީއަށް ހާޒިރުވެ ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށަހެޅުމަށް އެ މިނިސްޓްރީން އެދެ އެވެ.

ހއ. ހދ، ކ. އަތޮޅުގެ ބީލަންތައް ހުށަހެޅުން އޮންނާނީ 28 މާޗުގަ އެވެ. މ، ފ، ތ. އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހެޅުން އޮންނާނީ 29 މާޗުގަ އެވެ. އަދި ގއ. އާއި ގދ. އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހެޅުން އޮންނާނީ 30 މާޗުގަ އެވެ.

ރިސޯޓު ތަރައްގީކުރުމަށް އިތުރު ރަށްތައް ހުޅުވާލުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަލީ ޝިނާން ވިދާޅުވީ މިފަހަރު އިއުލާންކުރި ރަށްތަކުގެ ތެރޭގައި މީގެ ކުރިން ވެސް ހުޅުވާލި ރަށްތަކެއް ވެސް ހިމެނޭ ކަމަށެވެ. އަދި މި ބުރުގައި ހުޅުވާލި ރަށްތަކަށް އިންވެސްޓަރުން ހޯދުމަށް ގިނަ މަސައްކަތްތަކެއް މިިނިސްޓްރީން ކުރުމަށް ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބިޑިންއަށް މަޑު ޖައްސާލާފަ މިހުޅުވާލީ ވެސް، ބަންދުތައް ނިމޭއިރަށް ހުޅުވާލުމަށް، އުންމީދަކީ މިއަހަރު ހުޅުވާލި ރަށްތަކަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް،" ޝިނާން ވިދަޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މިހާރުގެ އަންދާޒާއަކީ މިހުރިހާ ރަށަކުން އެންމެ މަދުވެގެން 1،750 އެނދު ޓޫރިޒަމަށް ނެރެވޭނެ ކަމަށެވެ. އެހެން ނަމަވެސް މި އަދަދު އިތުރުވުން އެކަށީގެންވާކަން އެ މިނިސްޓްރީން ފާހަގަކުރެ އެވެ.