އެއް ހާސް ޓޫރިސްޓުން ގޮވައިގެން ޖަރުމަނުގެ ކްރޫޒްލައިނާއެއް އިއްޔެ ރާއްޖެއަށް އަތުވެއްޖެ އެވެ.

މިއީ މިއަހަރު މާލެއަށް ބަނދަރުކުރި ފުރަތަމަ ކްރޫޒްލައިނާ އެވެ.

ޖަރުމަނުގެ އެމްއެސް އާރްޓާނިއާ މާލެއަށް ބަނދަރުކޮށްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. މި ކުރޫޒްލައިނާއިން އައި ޓޫރިސްޓުން މާލެއަށް ފައިބައިގެން އެކިތަންތަނަށް ޒިޔާރަތްކުރި އެވެ.

ކޯވިޑާއި ގުޅިގެން ކުރޫޒްލައިނާތައް ރާއްޖެ އައުން މެދުކެނޑިފައި އޮތުމަށްފަހު، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ގިނަ އަދަދެއްގެ ކްރޫޒްލައިނާތަކުން ރާއްޖެއަށް އަންނަން ވަނީ ފަށައިފަ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަހަރު ރާއްްޖެއަށް ގިނަ އަދަދެއްްގެ ކްރޫޒްލައިނާ އަންނަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކްރޫޒްލައިނާތަކުން އަންނަ ޓޫރިސްޓުންނަށް އެއްވެސް ހިދުމަތެއް މާލޭގެ ޖެޓީ ސަރަހައްދުން ނެތުމަކީ ވަރަށް ބޮޑު ހުތުރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއިން ޒަމާނަކު ނާންނަ ވަރަށް މިއަހަރު ކްރޫޒްލައިނާތަކުން ރާއްޖެ އަންނަން ނިންމާފައިވޭ. ނަމަވެސް މިތަނަށް އަންނަ ބަޔަކަށް އަރައި ފޭބޭނެ ގޮތެއް ނެތް، ފާޚާނާ ކުރެވޭނެ ގޮތެއް ނެތް، ވިއްސާރައާ ހިޔާވެވޭނެ ގޮތެއް ނެތް. ދެން އެ މީހުން މިތަނަށް ގެނައުމުގެ ބޭނުމެއް ނުފެނޭ،" ވަރަށް ހިތްހަމަޖެހިފައި ހުރެ ވާހަކަދައްކަމުން އެ އޮފިޝަލް ވިދާޅުވި އެވެ.

މާޔާގެ އޮފިޝަލް ވިދާޅުވީ މިއަހަރުގެ މިހާތަނަށް 9 ކްރޫޒްލައިނާއަކުން ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ކްރޫޒްލައިނާތަކަކީ މިދިޔަ އަހަރު ރާއްޖެއައި ކްރޫޒްލައިނާތަކަށް ވުރެ ބޮޑު ކްރޫޒްލައިނާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، 2،826 މީހުންގެ ޖާގައިގެ ކްރޫޒްލައިނާއަކާއި 2،050 މީހުންގެ ޖާގައިގެ ކްރޫޒްލައިނާއެއް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 1000 އާއި 1500 މީހުންގެ ޖާގައިގެ 4 ކްރޫޒްލައިނާއެއްގެ އިތުރުން، 300 އާއި 700 މީހުންގެ ޖާގައިގެ 3 ކްރޫޒްލައިނާވެސް ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް މާޔާއިން ބުނެ އެވެ.

މިކްރޫޒްލައިންތަކުގެ ޖާގައަަށް ބަލައި، ރާއްޖެއަށް ކްރޫޒަލައިންތަކުން އަންނާނެ ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް 1، 2000 އަށް އަރަ އެވެ.