ބީއެމްއެލް އިސްލާމިކްއިން އައު އެޑިޔުކޭޝަން ފައިނޭންސިން ފެސިލިޓީއެއް މިއަދު ތައާރަފްކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭގޮތުގެ މަތިން އިޖާރާގެ ދަށުން އެކުލަވާލެވިފައިވާ މި ފެސިލިޓީއަކީ ސަރޓިފިކެޓް ލެވަލް ކޯސްތަކުން ފެށިގެން ޑޮކްޓަރޭޓްއާ ހަމަޔަށް ދުނިޔޭގެ ކޮންމެ ތަނަކުން ވެސް މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދިވެހިންނަށް ހާއްސަކޮށް ތައާރަފްކުރި ފެސިލިޓީއެއް ކަމަށެވެ.

އެ ބޭންކުން ބުނީ އެޑިޔުކޭޝަން ފައިނޭންސިން މެދުވެރިކޮށް ޓިއުޝަން ފީ، ދިިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ހޭދަވާނެ ޚަރަދުތައް ހިމަނައިގެން ޖުމްލަ ޚަރަދުގެ 75 ޕަސެންޓާ ހަމަޔަށް ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ފައިސާ ދައްކާ ޚަލާސްކުރުމަށް އެންމެ ދިގުމުއްދަތެއްގެ ގޮތުގައި 10 އަހަރު ކަނޑައެޅިފައިވާއިރު އެ ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 11 ޕަސެންޓްގެ ރޭޓުގަ އެވެ.

ބީއެމްއެލް އިން ބުނީ އެ ފައިނޭންސިންއަށް އަނބުރާ ފައިސާ ދައްކަން ފަށަން ޖެހޭނީ ދަރިވަރުން ތައުލީމު ހާސިލްކުރުމަށްފަހު ކަމަށެވެ. އަދި ތައުލީމް ހާސިލްކުރުމަށް ޖުމްލަ ހިނގާނެ ޚަރަދުގެ 25 ޕަސެންޓް ފައިނޭންސިންއަށް އެދި ހުށަހަޅާ ފަރާތުން އަމިއްލަ އަށް ޚަރަދު ކުރަން ޖެހޭނެ އެވެ. އަދި ރަހުނުގެގޮތުގައި ފައިނޭންސްކޮށްދޭ އަދަދުގެ 150 ޕަސެންޓަށްވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ޑިރެކްޓަ އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުހައްމަދު ވިދާޅުވީ އަލަށް ތައާރަފްކުރި އެޑިޔުކޭޝަން ފައިނޭންސިން އަކީ އިސްލާމިކް ފައިނޭންސިން ފެސލިޓީއެއް މެދުވެރިކޮށް މަތީ ތައުލީމު ހާސިލްކުރުމުގެ އުއްމީދު ކުރަމުންދާ ދަރިވަރުންނަށް ހުޅުވިގެންދާ ފަހި ފުރުސަތެއް ކަމަށެވެ.

" ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާމިކް ބޭންކިންއާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެޑިޔުކޭޝަން ފައިނޭންސިންއަށް އަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެ އެވެ. އަދި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެ އެވެ.

ބީއެމްއެލް އިސްލާމިކް އެޑިޔުކޭޝަން ފައިނޭންސިންގއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެ އެވެ.