ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލާ ދުކުރާ ލޯނާއި ފައިނޭންސިން ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސް، ރަހުނަކާ ނުލާ 1.2 މިލިއަން ރުފިޔާ އާ ހަމަޔަށް ލިމިޓް އިތުރުކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މިއަދުން ފެށިގެން، އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލައި، ލޯނު ދޫކުރަމުންދާނީ "ބީއެމްއެލް ލުއި ލޯނު" ގެ ގޮތުގައި ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިން ދޫކުރާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

"މި ބަދަލާއެކު، ބޭންކުން މިހާރު ލުއި ލޯނު ދިނުމާއި ޕާސަނަލް ފައިނޭންސިން ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީ އަށް ވެސް ބަލާނެ،" އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ އެ ބޭންކުގެ ޕޯޓްފޯލިއޯއަށް މިގެނައި ބަދަލާއެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް، އެއީ ކޮންމެ ބޭނުމެއް ކަމުގައިވީ ނަމަވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.

"ބީއެމްއެލް އަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާފަދަ އަދި އުންމީދު ކުރާ ފެންވަރަށް ވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ލުއި ލޯނު އަދި ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި އެ ލޯނު 5 ދުވަސް ތެރޭ ޕްރޮސެސް ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.