ހުވަދުއަތޮޅަކީ ސަރަޙައްދުގެ ވިޔަފާރި ހަބަކަށް ހައްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ އަދި ގދ. ތިނަދޫ އާއި ދެމެދު ފެށި ކާގޯ ދަތުރުތަކުގައި މޯލްޑިވްސް ސްޓޭޓް ޝިޕިންގެ "ބޮންތި 2" ބޯޓު ގދ. ތިނަދު އަށް ކުރި ފުރަތަމަ ދަތުރު ފާހަގަ ކުރުމަށް ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ހުވަދު އަތޮޅަކީ މީގެ ކުރިން ވަރަށް މުއްސަނދި ވިޔަފާރިވެރިންތަކެއް އުފެދުގެން ދިޔަ ސަރަހައްދެއްކަން އަމްރު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މިހާރު ހުރިހާ ފަރާތްތަކަކުން ވެސް އަމާޒު ހިފާފައިވަނީ ހުވަދު އަތޮޅުގެ ވިޔަފާރި ތަރައްގީކޮށް ހުވަދު އަތޮޅު ވިޔަފާރީގެ ހަބަކަށް ހެދުމަށް ކަމަށެވެ.

"ހުވަދު އަތޮޅަކީ މީގެ ކުރިން ވަރަށް ވަރުގަދަ އަށް ވިޔަފާރިކޮށް ވަރަށް ގިނައިން މުއްސަނދި ވިޔަފާރިވެރިންތަކެއް ދިރިއުޅެމުން އައި އަތޮޅެއް، އެހެން ނަމަވެސް ވަރަށް ހިތާމަވެރި ހާދިސާއަކާ ގުޅިގެން ވަރަށް ޒަމާންވަންދެން އެކަން މިއޮތީ ހުއްޓިގެން ގޮސްފައި. އެކަމަކު އަޅުގަނޑުމެންގެ އަމާޒަކީ އަލުން އަނބުރާ އެ ދުވަސް ގެންނަން، އަލުން އަނބުރާ ހުދަދު އަތޮޅަކީ ވިޔަފާރީގެ ހަބެއް ކަމަށް ހަދަން،" ތިނަދޫގެ ވިޔަފާރި އާއިލާއާއަކަށް ނިސްބަތްވެވަޑައިގަންނަވާ އަމްރު ވިދާޅުވި އެވެ.

މީގެ އިތުރުން އެމްއެސްއެސްގެ ހިދުމަތް ފަށައިގެން އައިރު، ބޯޓަށް ކޮންޓެއިނަރު ލިބުނަސް، އަދި ނުލިބުނަސް ފުރަން ހަމަޖެހިފައިވާ ދުވަހު ބޯޓު ފުރައި ކަނޑައެޅިފައިވާ ދުވަހަށް ބޯޓު ބަނދަރުކުރުމަށް ނިންމި ނިންމުމުގެ ސަބަބުން މުދާ އޯޑަރު ކުރާ ވިޔަފާރިވެރިންނަށް ދަތިތަކަކާއި ނުލައި ކަނޑައެޅިފައިވާ ދުވަހަށް އެމީހުންގެ މުދާ ލިބިގެންދާކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ހުވަދު އަތޮޅުގެ 50،000 ރައްޔިތުންނާއި އިންޑިއާގެ 1.3 ބިލިއަން ރައްޔިތުން ގުޅުވައިދިނުންކަން ފާހަގަކުރައްވާ އަމްރު ވަނީ މިއީ އެމްއެސްއެސްގެ ތާރީހުގެ ތެރޭގައި ހިމެނޭނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މި ހިދުމަތުގެ ސަބަބުން ހުވަދު އަތޮޅުގެ ވިޔަފާރިވެރިންނަށް އަގު ހެޔޮކޮށް ބޭނުންވާ ދުވަހަށް ބޭނުންވާ ގަޑިއަށް މުދާ ގެނައުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.