މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓުތަކުން މިމަހު ބޮޑު ސާވިސް ޗާޖެއް ބަހައިފި އެވެ.

ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް ރާއްޖޭގެ ގިނަ ރިސޯޓުތައް މިދިޔަ މަހުން ފެށިގެން ވަނީ ފުލްވެފަ އެވެ. އަދި ރިސޯޓުތަކުގެ ކޮޓަރި ވިއްކާ އަގުތައް ބޮޑުކުރުމުން މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު މިމަހާއި އަންނަ މަހު ވެސް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް ގިނަ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖު މިމަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިގޮތުން މިމަހު އެންމެ މަތިން ސާވިސް ޗާޖު ބަހާފައި ވަނީ ޗެކްރިޕަބްލިކްގެ މަހުޖަނުންތަކެއް ނ. އަތޮޅުގައި ހިންގާ އަގުބޮޑު ރިސޯޓު ވެލާ ޕްރައިވެޓް އައިލެންޑުންނެވެ.

މިފަހަރު އެންމެ މަތިން ސާވިސްޗާޖު ބެހި ފަސް ރިސޯޓު:

  1. ރިޒްކާލްޓަން މޯލްޑިވްސް - 4،508.74 ޑޮލަރު
  2. ވެލާ ޕްރައިވެޓް އައިލެންޑް- ގާތްގަނޑަކަށް 4،000 ޑޮލަރު
  3. ޝެވަލް ބްލަންކް ރަންދެލި- 3،540.31 ޑޮލަރު
  4. ވޯލްޑޮފް އެސްޓޯރިއާ - 3،302.07 ޑޮލަރު
  5. ވަން އެންޑް އޮންލީ ރީތި ރަށް - 3،054 ޑޮލަރު

މިފަހަރު އެންމެ މަތިން ސާވިސް ޗާޖު ބަހާފައިވާ ތިން ރިސޯޓަކީ މުވައްޒަފުންގެ އަދަދު ވޯލްޑޮފް އެސްޓޯރިއާ އާއި ވަން އެންޑް އޮންލީ އަށް ވުރެ މުވައްޒަފުން މަދު ރިސޯޓުތަކެވެ. އެގޮތުން ވަން އެންޑް އޮންލީގައި 781 މުވައްޒަފުން މަސައްކަތްކުރާއިރު ވޯލްޑޮފް އެސްޓޯރިއާގައި މަސައްކަތްކުރަނީ 756 މުވައްޒަފުންނެވެ. އޭގެ އިތުރުން ވެލާ ޕްރައިވެޓް އައިލެންޑްގައި 500 މުވައްޒަފުން މަސައްކަތްކުރާއިރު ޝެވަލް ބްލަންކް ރަންދެލީގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އުޅެނީ 485 ގަ އެވެ. އަދި މި ފަހަރު އެންމެ މަތިން ސާވިސް ޗާޖް ލިބުނު ރިޒްކާލްޓަން ރިސޯޓުގައި މަސައްކަތްކުރަނީ 346 އެވެ.

މަތީ ފަންތީގެ ގިނަ ރިސޯޓުތަކުގެ ސާވިސް ޗާޖު ހައި ސީޒަންގައި އާދަޔާ ހިލާފަށް އިތުރުވާ އެންމެ ބޮޑު ސަބަބަކީ އިންތިހާއަށް އަގު ބޮޑުކޮށް ކޮޓަރި ވިއްކާ އެ ރިސޯޓުތަކުގެ ރޫމްތައް މަދުވެފައި މަސައްކަތްކުރާ މުވައްޒަފުން މަދުވުމެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.