"ގްރޯ ވިތު އުރީދޫ" ޝިއާރުގެ ދަށުން އުރީދޫ އިން ދަނޑުވެރިކަމާ ގުޅުވައިގެން މި އަހަރުގެ ކަލަންޑަރު ލޯންޗުކޮށްފި އެވެ.

އެ ކަލަންޑަރަކީ ގަސް އިންދުމަށް ހިތްވަރުދީ، ރާއްޖޭގައި އާއްމުކޮށް އިންދާ އެކި ބާވަތްތަކުގެ ގަސްގަހުގައި އަޅާ މަލާ، އާއްމުކޮށް ރާއްޖެއިން ފެންނަ މާމެލާމެލީގެ ފޮޓޯތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ކަލަންޑަރެކެވެ. ސްނެޕްޗެޓު މެދުވެރިކޮށް، އޭއާރު ފީޗާއިން ކަލަންޑަރުގެ ތްރީ ޑީ ޑިޒައިން ބަލާލެވޭނެ އެވެ.

އުރީދޫން ބުނީ "ގްރޯ ވިތް އުރީދޫ" ޝިއާރު މި އަހަރުގެ ކެލެންޑަރަށް ހަމަ ޖައްސާފައި ވަނީ 2023 އަކީ އުރީދޫ އަށް 18 އަހަރު ފުރޭ އަހަރަށް ވުމާއެކު ކަމަށެވެ. އަދި މިއަދު ލޯންޗުކުރި މި ކަލަންޑަރުގައި ރާއްޖެއިން އާންމުކޮށް ފެންނަ މާމެލާމެލި އީޖާދީ އޮގްމެންޓެޑް ރިއަލިޓީ ހިދުމަތް މެދުވެރިކޮށް ތަޖުރިބާ ކޮށްލުމުގެ އިތުރުން ކޮންމެ މަހަކަށް ހާއްސަ ކުރެވިފައިވާ މާ ގަހުގެ އޮށާއި ގަސް އިންދުމަށް 12 ގަސް ޕޮޓު ވެސް ކަލަންޑަރާއެކު ލިބެ އެވެ.

ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ކަލަންޑަރު އިފްތިތާހުކުރީ ވަޑައިގެންތިއްބެވި ބޭފުޅުން ކަލަންޑަރު ލާފައިވާ ފޮށިގަނޑު ހުޅުވާލުމުން އުދުހިގެން ދިޔަ ކޮކާތަކަކުންނެވެ.

ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތައާރަފަކާއެކު ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު މަލެއް ދައްކުވައިދެ އެވެ.

ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް އެ މަހަކަށް ހާއްސަކޮށްފައިވާ ސޮފްހާގައި ފެންނަ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް އެ މަހަކަށް ހާއްސްކޮށްފައިވާ މާ އޮގްމެންޓެޑް ރިއަލިޓީ ތަޖުރިބާ އެއްވެސް ލިބިދެ އެވެ. އޭއާރް ފީޗާގެ އިތުރުން ހުރިހާ އުމުރުފުރައަކާ ގުޅުވާލާ، ކޮންމެ މަހަކަށް ހާއްސަކުރެވިފައިވާ މާ ގަހުގެ އޮށާއި ގަސް އިންދުމަށް 12 ޕޮޓް ކަލަންޑަރުގައި އެކުލަވައިލައިފަ އެވެ.

ކަލަންޑަރާއެކު ލިބޭ 12 ގަހުގެ އޮށް ހިމަނައިގެން ހަދާފައިވާ ކަރުދާހެއް ވަނީ އެ މަހަކަށް ހާއްސަ ކަލަންޑަރު ސޮފްހާގައި ހިމަނާފަ އެވެ. މި ކަރުދާހުގައިވާ އޮށް އިންދާނެ ގޮތުގެ ގްރޯ ގައިޑެއް ވެސް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ. ކަލަންޑަރު ޕޭޖްގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ގްރޯ ގައިޑް ހުޅުވިގެންދާނެ އެވެ.

އުރީދޫގެ މި އަހަރުގެ ކަލަންޑަރު ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. އެ ކަލަންޑަރު ހާއްސަ ކޮސްފައި ވަނީ ދަނޑުވެރިކަމަށް. ފޮޓޯ: އުރީދޫ

ކަލަންޑަރު ލޯންޗުކުރުމުގެ އިތުރުން މި ހަފްލާގައި އުރީދޫ މޯލްޑިވްސް އިން ވަނީ ގްރޯ ވިތް އުރީދޫ ކެމްޕެއިން އެމްބެސެޑަރަކަށް ރަމްޒީ ހުސައިން - ޒުވާން ދަނޑުވެރިޔާ ވެސް އިއުލާނުކޮށްފަ އެވެ. ގްރޯ ވިތު އުރީދޫ ކެމްޕެއިންގެ ދަށުން ޒުވާން ދަނޑުވެރިޔާ އާއެކު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވައިފާވާކަން ވެސް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ އުރީދޫ ކަލަންޑަރު 2023 އަކީ އޮގްމެންޓަޑް ރިއަލިޓީ އާއެކު ރާއްޖޭގައި ހެދޭ ރީތި މާތައް ދައްކުވައިދޭ އީޖާދީ ކަލެންޑަރެއް ކަމަށެވެ. އަދި މި ކަލަންޑަރުން އޮގްމެންޓަޑް ރިއަލިޓީގެ އެހީގައި ރާއްޖޭގައި އާންމުކޮށް ފެންނަ މާތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ތަސައްވުރު ކޮށްލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ އިތުރުން ގަސް އިންދުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކޮންމެ މަހަކަށް ހާއްސަ ކޮށްފައިވާ މާ ގަހުގެ އޮށާއި ގަސް އިންދާނެ ޕޮޓު ވެސް ވާނީ ހިމަނާފައި. މި ކަލަންޑަރުގެ ސަބަބުން އަޅުގަނޑުމެންގެ އުއްމީދަކީ ވީހާވެސް ގިނަ މީހުން އަމިއްލަ އަށް ގަސްގަހާގެހި ހައްދައި، ގުދުރަތުގެ އަގު ވަޒަންކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް. އުރީދޫއާ އެކު މިއަހަރުގެ ކަލަންޑަރުގެ ޝިއާރުގެ ދަށުން - އަޅުގަނޑުމެންގެ ކެމްޕެއިން އެމްބެސެޑަރެއްގެ ގޮތުގައި ޒުވާން ދަނޑުވެރިޔާ އާއި އެކު މި މެސެޖް އިތުރަށް ކުރިއަށް ގެންދިއުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ،" ނިޔާޒް ވިދާޅުވި އެވެ.