މޯލްޑިވިއަންގެ ޗާޓަރު ދަތުރުތަކެއް ސްރީލަންކާގެ މައްޓަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ޗާޓަރު ދަތުރުތައް މަހެއްހާ ދުވަހަށް ދުވަހަށް ކުރިޔަށް ގެންދާނެ ކަމަށެވެ. އެ ދަތުރުތައް މިރެއިން ފެށިގެން ކޮންމެ ހަފުތާއަކު ދެ ދުވަހު ލަންކާއަށް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިވަގުތު މި ދަތުރުތައް މިކުރަނީ އެއް މަސް ދުވަހަށް ވިޔަސް މިއަށްވުރެ ގިނަ ދުވަހު މި ދަތުރުތައް ކުރަން ޖެހިދާނެ. މި ދަތުރުގެ ޓިކެޓްތަކެއް މޯލްޑިވިއަނުން ނުވިއްކާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ގައުމީ އެއާލައިނުން ވަނީ ސްރީލަންކާއަށް ޝެޑިއުލް ދަތުރުތަކެއް ފަށަން މިދިޔަ އަހަރުގެ ތެރޭގައި ދިރާސާތަކެއްކޮށްފަ އެވެ. އަދި އެ ދިރާސާގެ އަލީގައި އަންނަ އަހަރުގެ ތެރޭގައި ލަންކާގެ ރަޓަމަލާނާ އެއާޕޯޓަށް ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މޯލްޑިވިއަންގެ އޮފިޝަލް ވިދާޅުވި އެވެ.