އެމްޑަބްލިޔުއެސްސީއިން އއ. މަތިވެރީގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ 80 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

ފެނާއި ނަރުދަމާގެ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނިން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމްގައި ހިމެނޭ 6.7 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތާއި، ފެން ރައްކާކުރުމަށްޓަކައި ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތާއި، ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގުގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

މަތިވެރީގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ސްޓޯރޭޖް ޓޭންކް ބަހައްޓާފައި. ފޮޓޯ: އެމްޑަބްލިއުއެސްސީ

މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތަކުގެ ބޮޑުބައެެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މަތިވެރީގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން 38.83 މިލިއަން ރުފިޔާ އަށް އެ އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މަތިވެރީގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ކަނެކްޝަން ގުޅުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީއިން ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިމުމުން މަތިވެރީގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބޭނެ ކަމަށެވެ.