ރާއްޖޭގައި މަސްވެރިކަންކުރާ ދޯނިތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މަސްވެރިންގެ ޑިމާންޑާއެއް ވަރަށް ކޭޓާކުރެވޭނީ މިފްކޯ ތަރައްގީކުރެވިގެން ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ހެނދުނުން ފެށިގެން މަސްވެރިން ކުރަމުން އަންނަ މުޒަހަރާތަކާ ގުޅިގެން ފިޝަރީޒް މިނިސްޓަރު ޒަހާ އާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީއާ ގުޅުމުން ވެސް ހިތްހަމަޖެހޭ ފަދަ ޖަވާބެއް ނުލިބޭ ކަމަށް މަސްވެރިންވެރިން އަދިވެސް އަންނަނީ ޝަކުވާކުރަމުންނެވެ.

މަސްވެރިން ވަނީ ހަތަރު ކަމަކަށް ޑިމާންޑްކޮށްފަ އެވެ. އެގޮތުން މަހުގެ އަގު 20ރ. އަށްވުރެ ދަށްނުވާނެހެން ބެހެއްޓުމާއި ފެލިވަރުން މަސްވެރިންނަށް ލުއި ފަސޭހަ ގޮތަކަށް އައިސް ލިބޭނެ ގޮތް ހަމަޖެއްސުމާއި މިފްކޯގެ ބެލުމުގެ ދަށަށް ށ. ކީކިމިނި ގެނައުން އަދި ދުވަހުން ދުވަހަށް މަސްކިރޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލާފައިވެ އެވެ.

މަސްވެރިންގެ ޑިމާންޑްތަކާ ބެހޭ ގޮތުން "ހުރިހާ"އާ ވާހަކަދައްކަވަމުން ޒަހާ ވިދާޅުވީ ކޮންމެ ވިޔަފާރިއެއް ވެސް ކުންފުންޏަކުން ކުރާނީ އެންމެ ރަނގަޅު ފައިދާއެއް ހޯދަން ކަމަށެވެ. ހަމައެގޮތަށް މަސްވެރިން ބޭނުންވާ އަގެއްގައި މަސް ގަންނަ ނަމަ މިފްކޯއަށް އެކަމުން ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިފްކޯއަށް ވެސް އެ ވިޔަފާރިކުރެވޭނީ ގެއްލުންނުވެ ހިންގިގެން. މި ކޮވިޑް ތެރޭގައި ވެސް މަސްވެރިންނަށް ނުދެވިހުރި ހުރިހާ ފައިސާއެއް އެ ކުންފުނިން ވަނީ ސަރުކާރު މެދުވެރިކޮށް ހޯދައިގެން ހަލާސްކޮށްފައި،" ޒަހާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިންގެ ޑިމާންޑްތަކަށް ކޭޓާކުރުމަށް މިފްކޯ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އޭގެ އިތުރުން މިފްކޯ ފިޔަވައި އެހެން ކުންފުނިތަކަށް ވެސް މީގެ އެއް އަހަރު ކުރިން މަސްގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ޒަހާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިވަނީ ބޭނުން ބަޔަކަށް މަސް ގަނެވޭ ގޮތަށް ހުޅުވާލާފައި. އެކަމަކު ރިސްކު ނަގައިގެން އިންވެސްޓްކުރަން އަމިއްލަ ފަރާތްތަކުން އަދި ނުފަށާ. ފަހަކަށް އައިސް ރާއްޖޭގައި އެއް ވަރަކަށް މަސްބާނަމުން އެބަގެންދޭ. މިކަމަށް އިންވެސްޓްކުރަން އަމިއްލަ ފަރާތްތަކުން ނުކުންނަން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަހާ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި މަސް ނުގަންނަ އަގެއްގައި، މިފްކޯއަށް 20ރ. އަށް ނުދެވޭނެ ކަމަށެވެ. އަދި މިފްކޯއަށް މަސްގަންނަ އަގު ބޮޑުކުރެވޭނީ މަސްގަންނަ ކެޕޭސިޓީއާއި އުފެއްދުންތައް އިތުރުކުރުމަށް ތަރައްގީކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ހަމައެކަނި ފިނިކުރި މަސްގަނެ އެކްސްޕޯޓްކޮށްގެން މަހަށް އެކަށީގެންވާ ފައިދާއެއް ނުލިބޭ. އެހެންވީމަ އެހެން އުފެއްދުންތައް އިތުރުކުރަން މިފްކޯއިން އަންނަނީ އިންވެސްޓްކުރަމުން،" ޒަހާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިފްކޯގެ ދެ ފެސިލިޓީގެ އިތުރުން މަސް ގަތުމަށް ކަލެކްޓާ ވެސެލްތައް އެކިކޮޅުތައް ދުއްވަމުން ގެންދާ ކަމަށެވެ.

"ފެލިވަރަށް ގަނެވޭނީ ވަކި ވަރެއް. އެތަނުގެ ކެޕޭސިޓީ އިތުރުކުރަން މިފްކޯއިން އެ ގެންދަނީ އިންވެސްޓްކުރަމުން. އުޅަނދުތައް ވެސް ބޮޑުވެގެން ދިޔައީ މިފްކޯއިން މަސް ގަންނާތީ،" ޒަހާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން މަހުގެ އަގު ކިލޯއެއް 8ރ. އަށް ދަށްވެފައި އޮތް ކަމަށާއި ނަމަވެސް މި ސަރުކާރުން 13ރ. އަށް ވުރެ ދަށް އަގެއްގައި މަސް ނުގަނެވޭނެ ގޮތް ހަދާފައިވަނީ އެއީ މަސްވެރިޔާ އަށާއި އޮޑިވެރިޔާ އަށް ވެސް ގެއްލުން ނުވާނެ އަގެއް ކަނޑައެޅުމަށްޓަކައި ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތް އައިސް ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި ގިނަ ދޯނިފަހަރުގައިވެސް އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ޒަހާ ވިދާޅުވި އެވެ. އަދި މަޝްރޫޢުތައް ނިމޭނެ ދުވަހެއް ދަންނަވަން މަސްވެރިން އިއްޔެ ޑިމާންޑް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެއީ ދަތިކަމެއް ކަމަށާއި ރީޒަނަބްލް ކަމެއް ނޫން ކަމަށްވެސް ޒަހާ ވިދާޅުވެފައިވެއެވެ. އަދި އޮންނަ މަރްޙަލާތައް ނިމޭވަރަކުން އެކަން ހިނގާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިންނަށް ފެންލިބުމުގެ ދަތިކަން ކުރިމަތިވާތީ އެކަމާގުޅިގެންވެސް މަސްވެރިންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމާ ގުޅިގެން ޒަހާ ވިދާޅުވެފައިވަނީ އެ މައްސަލަތައް ހައްލު ކުރުމަށް މިފްކޯއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ބޭނުން ވަރަކަށް ފެން ފޯރުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ހުރިހާ ދޯނިތަކުން ވެސް އެ ހިދުމަތް ބޭނުންވާނެތީ، އެންމެނަށް ލިބޭނެ މިންވަރަށް ހިފެހެއްޓިގެން އުސޫލެއްގެ މަތިން އެކަން ކުރިޔަށް ދާނެ ކަމަށެވެ.

އިއްޔަ ހެނދުނުން ފެށިގެން ފެލިވަރުގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާ ހުއްޓާލުމަށްފަހު މަސްވެރިން ފެލިވަރުން ދިޔައީ ރޭ 9 ޖެހިފަހުންނެވެ. މަސްވެރިން އިހުތިޖާޖަށް ނިކުންނަށް ޖެހުނީ ކަންކަން ގޯހުން ގޯހަށް ދިއުމުން ކަމަށާއި އިއްޔެގެ އިހްތިޖާޖުގައި މައިގަނޑުގޮތެއްގައި އަޑުއުފުލާނީ މަސްވެރިންނަށް މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ހަމަ އަގު ހޯދައިދިނުމަށާއި، އުތުރުގައި މަސްގަންނަން ތަރައްޤީކޮށްފައިވާ ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށްކަމަށް މަސްވެރިން ބުނެ އެވެ.

"އަޅުގަނޑު މިހުރީ މަސްވެރިންގެ ޝަކުވާތައް އަޑުއަހައި އެ މައްސަލަތަކަށް ހައްލު ހޯދައިދޭން. އަޅުގަނޑު މަސްވެރިންގެ ޝަކުވާތައް ވެސް އަޑުއަހައި އެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް ވެސް ކިޔައިދިނިން،" ޒަހާ ވިދާޅުވި އެވެ.