އެސްޓީއޯގެ ހިންގުމުގެ ފައިދާ، އެ ކުންފުނީގެ ތާރީޚްގައި ވެސް އިތުރުނުވާ މިންވަރަށް އިތުރުވެއްޖެ އެވެ.

އެސްޓީއޯއިން ވަނީ އެ ކުންފުނީގެ 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ރިޕޯޓް، އެ ކުންފުނީގެ ވެބްސައިޓުގައި މިއަދު ޕަބްލިޝްކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލާއި ގޭހުގެ ވިޔަފާރިކުރާ ކުންފުނިން ބުނީ މިދިޔަ އަހަރަކީ އެސްޓީއޯގެ ހަޔާތުގައި އެންމެ ކާމިޔާބު އަހަރު ކަމަށެވެ.

އެ ކުންފުނީގެ ހިސާބުތައް ރިޕޯޓުން ފާހަގަކުރެވޭ ގޮތުގައި، 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ވެސް އެސްޓީއޯއަށް ވަނީ އެ އަހަރުގެ 3 ވަނަ ކުއާޓަރެއެކޭ އެއްފަދައިން، އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފަ އެވެ. އަދި 4 ވަނަ ކުއާޓަރުގައި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 368 މިލިއަން ރުފިޔާ ލިބިފައިވާއިރު 3 ވަނަ ކުއާޓަރުގައި ލިބިފައި ވަނީ 255 މިލިއަން ރުފިޔާ އެވެ. މިއާއެކު ޓެކްސްއަށް ކެނޑުމަށްފަހު، ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ 4 ވަނަ ކުއާޓަރުގައި ލިބިފައިވާއިރު، 3 ވަނަ ކުއާޓަރުގައި ލިބިފައިވަނީ 168 މިލިއަން ރުފިޔާ އެވެ.

ކުއާޓަރުގެ ހިސާބުތަކާއެކު، އެ ކުންފުނިން ވަނީ އޮޑިޓް ނުކުރާ 2022 ވަނަ އަހަރުގެ ހިސާބުތައް ވެސް ހާމަކޮށްފަ އެވެ. އެގޮތުން، 2022 ވަނަ އަހަރު އެ ކުންފުނިން ވަނީ ރެކޯޑު އަދަދަކަށް އާމްދަނީ އަދި ފައިދާ ހާސިލްކޮށްފަ އެވެ. 2021 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 10.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު 79 ޕަސެންޓްގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ވިޔަފާރިތައް ވެސް ކުރިއަރާ، އާމްދަނީ އިތުރުވެފައިވުމެވެ.

ފާއިތުވި އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ދެ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. 2021 ވަނަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާ އެވެ. މިއީ 41 ޕަސެންޓްގެ ކުރިއެރުމެކެވެ. އެސްޓީއޯގެ ރިޕޯޓުން އިތުރަށް އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެ ކުންފުނީގެ އޮޕަރޭޓިން ޕްރޮފިޓް ކުންފުނީގެ ތާރީޚްގައި ވެސް އިތުރުނުވާ މިންވަރަށް އިތުރުވުމެވެ. އެ ގޮތުން އެ ކުންފުނިން ވަނީ 2022 ވަނަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ފުރަތަމަ ފަހަރަށް، 1 ބިލިއަން ރުފިޔާ، ހާސިލްކޮށްފަ އެވެ. 2021 ވަނަ އަހަރު އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި ލިބިފައި ވަނީ 643 މިލިއަން ރުފިޔާ އެވެ. މިއާއެކު، ޓެކްސްއަށް ކެނޑުމަށްފަހު 2022 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވެ އެވެ. މިއީ ވެސް އައު ރެކޯޑެކެވެ.

2021 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 487 މިލިއަން ރުފިޔާ އެވެ. މިއީ 52 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މީގެ މައިގަނޑު ސަބަބަކީ ވެސް ހަމަ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރެވި، ޖުމްލަ ފައިދާ އިތުރުކުރެވިފައިވުން ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެ ކުންފުނިން ފާއިތުވި ކުއާޓަރުގައި ހިންގާފައިވާ ބައެއް މުހިއްމު ހަރަކާތްތަކުގެ ތެރޭގައި:

  • އެސްޓީއޯ ގްރޫޕްގެ ހުރިހާ މުވައްޒަފުންނަށް ހާއްސަކޮށްގެން އެސްޓީއޯ ގްރުޕް ނައިޓެއް ބޭއްވުން
  • ރޭޑިއޯގްރަފީ ޑިޕްލޮމާ ކޯސް އިފްތިތާހުކުރުން
  • މި ކޯސް ކިޔަވަމުންދާ ކުދިންނަށް ޓްރީ ޓޮޕްގައި އިންޓާންޝިޕް އަދާކުރުމުގެ ފުރުސަތު ހޯދައިދޭ އެލްއޯޔޫއެއްގައި ޓްރީ ޓޮޕާއެކު ސޮއިކުރުން
  • ރޭޑިއޯގްރަފީ ކޯސް ހަދަމުންދާ ކުދިންނަށް އޮރިއެންޓޭޝަން ޕްރޮގްރާމްތައް ހިންގުން
  • މެންޓަލް ހެލްތު ޑޭ ފާހަގަކުރުން، ރޭޑިޔޯގްރަފީ ކިޔެވުމަށް ހޮވުނު ކުދިންނާއެކު ސްޕޮންސަޝިޕް އެގްރީމަންޓްގައި ސޮއިކުރުން
  • ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޑިސްކައުންޓް ސްކީމެއް ތައާރަފްކުރުން
  • އަދި ބައިނަލްއަގްވާމީ ހިތުގެ ދުވަސް، ރޭޑިއޯގްރަފީ ދުވަސް
  • އިސް ރަށްވެހިންގެ ދުވަސް އަދި ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިސީސް ޑޭ ފާހަގަކުރުމަށް އެކި ކަންކަން ރާވާ، ހިންގާފައިވޭ

މީގެ އިތުރުން، މި ކުއާޓަރުގައި އެ ކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެގޮތުން ސްޓާފް އެވޯޑް ނައިޓް ބާއްވާފައިވާއިރު، މުވައްޒަފުންނަށް ހާއްސަކޮށްގެން، އުޑެމީ ލާނިން މެނޭޖްމަންޓް ސިސްޓަމް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. ހަމަ މިއާއެކު 7 ވަނަ ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވާހަކަ ދައްކަވާފައިވާއިރު، އެސްޓީއޯއަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ހަރުދަނާ 100 ވިޔަފާރީގެ ތެރެއިން 1 ވިޔަފާރި ކަމަށް ކޯޕަރޭޓް މޯލްޑިވްސްއިން ވަނީ ފާހަގަކޮށް، އެވޯޑް ދީފަ އެވެ. އަދި، އެސްޓީއޯއިން ވަނީ ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ފެއާއެއްކަމަށްވާ ބިގް 5 އެގްޒިބިޝަންގައި، އެ ކުންފުނީގެ ކޮންސްޓްރަކްޝަން މޭޓީރިއަލްސް އެގްޒިބިޓްކޮށްފަ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި އެގްޒިބިޝަންގެ ސަބަބުން، އެ ކުންފުންޏަށް ބައިނަލްއަގުވާމީ ވިޔަފާރިތައް ހެދުމަށް ވަނީ މަގުފަހިވެފަ އެވެ. މާކެޓިން ހަރަކާތްތައް މިކަންކަމުގެ އިތުރުން، ފާއިތުވި ކުއާޓަރުގައި އެސްޓީއޯގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ބޮޑެތި އިނާމްތަކާ ޑިސްކައުންޓްތަކާއެކު، ގިނަ މާކެޓިން ޕްރޮމޯޝަންތަކެއް ވެސް ހިންގާފައިވެ އެވެ. ސީއެސްއާރު އަދި ސްޕޮންސަރު ސީއެސްއާރު އަދި ސްޕޮންސާގެ ދަށުން އެސްޓީއޯއަކީ އަބަދުވެސް ގިނަ އެހީތެރިކަމެއް، ފޯރުކޮށްދެމުން އަންނަ، މުޖްތަމައަށް މުހިއްމު ބައިވެރިއެކެވެ.

އެސްޓީއޯގެ ސީއެސްއާރ އަދި ސްޕޮންސަރ ބެހިފައި ވަނީ މައިގަނޑު 4 ބަޔަކަށެވެ. އެގޮތުން، ކުޅިވަރާ، ޒުވާނުން އަދި މުނިފޫހިފިލުވުމުގެ ބައިން، އެސްޓީއޯއިން ވަނީ ކުޑަ ހުސެން އެކަޑަމީ، މިސްޓަ މޯލްޑިވްސް ބޮޑީ ބިލްޑިންގ މުބާރާތް، ދިވެހި ވޮލީބޯލް ވެޓެރަންސްއިން ހިންގި ބީޗް ވޮލީ މުބާރާތް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން އިންތިޒާމްކޮށް، މިނިވަން މުއައްސަސާތަކަށް ހާއްސަކޮށްގެން ހިންގި މިނިވަން ކަޕް ވެސް ސްޕޮންސަރކޮށްފަ އެވެ.

މީގެ އިތުރުން ވެސް ކައުންސިލްތަކާއި ސްކޫލްތަކާއި އެހެނިހެން އެސޯސިއޭޝަންތަކުން ބާއްވާފައިވާ ބައެއް ކުޅިވަރުގެ ހަރަކާތްތައް ވެސް ސްޕޮންސާކޮށްފައިވެ އެވެ. ތައުލީމާއި ސްކިލް ޑިވަލޮޕްމަންޓްގެ ދަށުން، އެ ކުންފުނިން ވަނީ މުފްތީ މެންކުގެ ދަރުހުގެ އިންތިޒާމްތަކަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ސްޕޮންސާއެއް ދީފަ އެވެ. އަދި މީގެ އިތުރުން، މޯލްޑިވްސް ނެޝެނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީން ބޭއްވި 45 ވަަނަ ކޮންވެންޝަން ވެސް ސްޕޮންސާކޮށްފަ އެވެ. އަދި ހަމަމިއާއެކު، ސްކޫލްތަކާއި ކައުންސިލްތަކުން ބާއްވާފައިވާ އެކި އެކި ޤުރުއާން މުބާރަތްތަކާއި މަދަހަ މުބާރާތާއި ތިމާވެށި ހިމާޔަތްކުރުމަށް ބާއްވާ އެކި ސަމިޓްތައް ސްޕޮންސާކޮށްފަ އެވެ.

މުޖުތަމަޢު ބިނާކުރުމުގެ ދަށުން، އެސްޓީއޯއިން ވަނީ ސްކޫލްތަކާއި، ހެލްތު ސެންޓަރުތައް އަދި ކައުންސިލްތަކާއި، މިސްކިތްތަކާއި އެފަދަ އެހެންވެސް ފަރާތްތަކަށް ކުލަ، ކޮންސްޓްރަކްޝަން ސާމާނު، ކޮމްޕިއުޓަރު، ޓީވީ، އޭސީ އަދި ފަރުނީޗަރު ފަދަ ތަކެތި ފޯރުކޮށްދީފަ އެވެ. އަދި ސިއްހަތާއި ދުޅަހެޔޮކަން، މި ބައިގެ ދަށުން، އެސްޓީއޯއިން ވަނީ އެކި މެޑިކަލް އިކުއިޕްމަންޓް ހެލްތު ސެންޓަރުތަކަށް ހަދިޔާކޮށްފަ އެވެ. އަދި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީއިން އއ. އަތޮޅުގައި ހަރަކާތެއް ހިންގުމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެ ކުންފުނިން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ ހަމައެކަނި ވިޔަފާރިތައް އިތުރުކުރުން ނޫންކަމަށާއި ޖުމްލަކޮށް، ފުދިގެންވާ މުޖުތަމައެއް އުފެއްދުމަށް އެހީތެރިވެދިނުމެވެ. އަދި މިގޮތުން އެ ކުންފުނީގެ އަމާޒަކީ 2023 ވަނަ އަހަރު ސީއެސްއާރްގެ ހިދުމަތް އިތުރު ދާއިރާތަކަށް ފުޅާކުރެވިގެންދިއުމެވެ.

ހިއްސާ ފާއިތުވި އަހަރު އެސްޓީއޯގެ ހިއްސާ ވަނީ އެންމެ މަތިން 1450ރ. އަދި އެންމެ ދަށުން 580ރ. ގައި ޓްރޭޑްކުރެވިފަ އެވެ. 2022 ވަނަ އަހަރު ޖުމްލަ 491 ހިއްސާ މުއާމަލާތުކުރެވިފައިވާއިރު އެސްޓީއޯގެ މާކެޓް ކެޕިޓަލައިޒޭޝަން އުޅެނީ 1،499 މިލިއަން ރުފިޔާގަ އެވެ. އަދި އެ ކުންފުނީގެ ހިއްސާއަކަށް ޖެހުނު ފައިދާ ވަނީ 2022 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގައި 149ރ. އިން 4 ވަނަ ކުއާޓަރގައި 239ރ. އަށް އިތުރުވެފަ އެވެ.

2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އެ ކުންފުނީގެ ބޯޑުން މުހިއްމު ކަންތައްތަކެއް ނިންމި. އޭގެ ތެރޭގައި:

  • ތިލަފުށިން ޕޯޓެއް ގަތުން
  • ހުޅުމާލޭގައި ކެޝިއާ ލެސް ސްޓޯރެއް ހެދުން
  • އެސްޓީއޯ ހެޑް އޮފީސް އެކްސްޓެންޑް ކުރުމަށް ނިންމުން
  • އެ ކުންފުނީގެ މެޑިކަލް ޑިޕާރޓްމަންޓަށް ޖެނެރަލް މެނޭޖަރަކު އައްޔަންކުރުން
  • 2023 ވަނަ އަހަރުގެ ހިސާބުތަކާއި ސްޓްރެޓީޖިކް ކޭޕީއައިތައް ފާސްކުރުން
  • ރާއްޖޭގައި ލޮނު އުފެއްދުމާބެހޭ ގޮތުން ބޯޑަށް ހުށަހެޅުނު ދިރާސާއާއި ގުޅިގެން އިތުރު ދިރާސާތައް ހެދުމަށް ނިންމުން
  • ކާޑެއްދޫ އަދި ކައްދޫ އެއާޕޯޓްގެ ޖެޓް ފިއުލް ފެސިލިޓީ އަޕްގްރޭޑް ކުރުމަށް ނިންމުން
  • ކުންފުނީގެ ވިޝަން، މިޝަން އަދި ވެލިއުސްއަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމުން

މީގެ އިތުރުން، އެ ކުންފުނީގެ ބޯޑުންވަނީ ބޯޑުގެ ކޯޕަރޭޓް ގަވާނަންސް ކޮމިޓީގެ މެންޑޭޓަށް ސަސްޓޭނަބިލިޓީ ކަންކަން އިތުރުކޮށް، އެ ކޮމިޓީގެ ނަން ގަވާނަންސް އެންޑް ސަސްޓޭނަބިލިޓީ ކޮމިޓީއަށް ބަދަލުކޮށްފަ އެވެ. މިއީ ރާއްޖޭގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގައި މިފަދަ ކޮމިޓީއެއް އުފެއްދި ފުރަތަމަ ފަހަރެވެ. ފާއިތުވި ކުއާޓަރު އަދި އަހަރަކީ ވެސް އެސްޓީއޯއަށް ފާގަތި ދުވަސްތަކެކެވެ.

މި ދުވަސްތަކުގައި އެސްޓީއޯއިންވަނީ މުހިއްމު ރެކޯޑްތަކެއްވެސް ހަދާފަ އެވެ. 4 ވަނަ ކުއާޓަރ ނިމުނުއިރު، އެ ކުންފުނީގައި 2،245 މުވައްޒަފުން އެބަ ތިއްބެވެ. އަދި 2021 ވަނަ އަހަރު ނިމުނުއިރު އެ ކުންފުނީގައި ތިބީ 2057 މުވައްޒަފުންނެވެ.

މި އަހަރުގެ ތެރޭގައި އެ ކުންފުނިން އެކިދާއިރާތަކުން 188 ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ. 2022ވަނަ އަހަރުގެ ނިޔަލަށް އެސްޓީއޯއިން ވަނީ 1،000 އަށްވުރެ ގިނަ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީން ކުރެވިފަ އެވެ. އަދި އެ ކުންފުނީގެ މި ކުރިއެރުމާއި، އިތުރު ވިޔަފާރިތަކާއި ޓެކްނޮލޮޖީ ތައާރަފްކުރުމުގެ އަމާޒާއެކު، އައު ފުރުސަތުތަކެއް ކުރިއަށްއޮތްތާ ހުޅުވިގެންދާނެ ކަމަށް އެސްޓީއޯއިން ފާހަގަކުރެ އެވެ.