ހުޅުމާލޭގައި މުޅިން އާ ކޮންސެޕްޓަކަށް " ކޯލިވިން ހައުސިން” އެޕާޓްމަންޓްތަކެއް ހަދާނެ ފަރާތެއް ހޯދުމަށް އެޗްޑީސީން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ އެ ޕްރޮޖެކްޓުގެ ދަށުން "ކޯ ޝެއާ" ނުވަތަ އެހެން މީހުންނާއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއާ ކޮޓަރި ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ފަރުމާ ކުރެވިފައި ޕްރޮޖެކްޓްގެ އެންމެ ބޮޑު މަގުސަދަކީ ގްރޭޓާ މާލެ ރީޖަންގައި ދިރިއުޅޭ ކިޔަވާ ކުދިން، ނުވަތަ އެކަނި ކުލި ބޮޑުކޮށް ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން،" އެޗްޑީސީން ބުންޏެވެ.

"ކޯ ލިވިންގ" ކޮންސެޕްޓަށް އެޗްޑީސީ އިން ޑިޒައިންކޮށްފައިވާ މި ޕްރޮޖެކްޓުގައި އައުޓްޑޯ ޖިމް، ޕޭންޓްރީ، ބާބަކިއު އޭރިއާ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމެނޭނެ އެވެ. މީގެއިތުރުން ވެސް އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ ބައިވަރު ހިދުމަތްތަކެއް މި ބިލްޑިންގުން ލިބޭނެ އެވެ.

ހުޅުމާލޭގައި މުޅިން އާ ކޮންސެޕްޓަކަށް ހަދަން ނިންމާފައިވާ ބިލްޑިންގެ ކުރެހުމެއް.

އެ ކުންފުނިން ބުނިގޮތުގައި އެޗްޑީސީން ކުރިއަށް ގެންދިޔަ ދިރާސާތަކުން ދައްކާގޮތުގައި ކިޔެވުމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން މި ސަރަހައްދުގައި ދިރި އުޅޭ ފަރާތްތަކުން އާންމު ގޮތެއްގައި މަހަކު 5،000 ރުފިޔާ ހަމައެކަނި ކުލީގެ ގޮތުގައި ދައްކަ އެވެ. އެ ފަރާތްތަކުގެ ތެރެއިން 56 ޕަސެންޓަށް ވުރެ ގިނަ ފަރާތްތަކުން މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ އެފަދަ ކޮންސެޕްޓަކަށް ޑިޒައިން ކުރެވިފައިވާ ގެދޮރުވެރިކަމެއްގައި އެއް އަހަރަށް ވުރެއް ގިނަ އަހަރު ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެޗްޑީސީން ބުނިގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މިހާރު މަޝްހޫރުކަން ހޯދަމުން އަންނަ އެ ކޮންސެޕްޓް ޑިވެލޮޕަރުންނަށް ވަރަށް ރަނގަޅު ފުރުޞަތަކަށް ވެގެންދާނެ އެވެ. އަދި ޑިވެލޮޕަރުންނަށް މި ޕްރޮޖެކްޓްގެ ދަށުން ދެ ވަނަ ފަންގިފިލައިން ފެށިގެން 9 ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިން އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމް ހަދައި ކުއްޔަށްދިނުމުގެ ފުރުޞަތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކުއްޔަށް ދެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި ހުޅުމާލޭގައި މިހާރު ވެސް އާބާދުވެ ތަރައްގީ ވަމުން އަންނަ ސަރަޙައްދެއްގައި ހުންނަ ލޮޓް N4-42 ގެ 16،934.07 އަކަފޫޓުގެ ބިމުގައި 14 ބުރީގެ އިމާރާތެއް ހަދަން ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮޖެކްޓް ތަރައްޤީކުރުމަށް ޝައުގުވެރިވާ މީހުން ޖެނުއަރީ 17 ވަނަ ދުވަހުގެ 2:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި އެ ޕްރޮޖެކްޓްގެ އާރުއެފްޕީ އަދި އެހެނިހެން މައުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓުންނާއި މައި ހުޅުމާލެ ޕްރޮޕަޓީސް ވެބްސައިޓުން ލިބެން ހުންނާނެ އެވެ.