މާލެ ވޯޓަ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ އިޖްތިމާއީ ޒިންމާގެ ދަށުން، ޅ. އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރުގެ އިމާރާތް ބިނާކޮށްފި އެވެ.

މި ޑައިލަސިސް ސެންޓަރު އިމާރާތް ބިނާކޮށްފައިވަނީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯއްދަވާ ބަލި މީހުންނަށް ހާއްސަ ދެ އެނދާއި، އެއް އައިސޮލޭޝަން ރޫމް އަދި ޑައިލިސިސް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމްކުރެވޭނެ ގޮތަށެވެ.

އެމްޑަބްލިޔުއެސްސީން ބުނިގޮތުގައި ޅ. ނައިފަރުގައި ގާއިމްކުރެވުނު މި ޑައިލަސިސް ސެންޓަރު ތަރައްގީކުރުމުގެ މަގްސަދަކީ، މިސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅޭ، ކިޑްނީ ބައްޔަށް ފަރުވާ ހޯއްދަވާ ފަރާތަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. މިގޮތުން، މި ސެންޓަރުގެ ސަބަބުން މި ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯއްދަވާ ފަރާތްތައް މާލެ އައުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ނުވަތަ އަތޮޅުން ވީހާވެސް ގާތުން، ފަސޭހަކަމާއެކު މި ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުންޏެވެ.

މީގެ އިތުރުން، ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯއްދެވުމަށް ކުރަންޖެހޭ ހޭދައާއި، ހިދުމަތް ހޯއްދެވުމުގައި އުފުލަންޖެހޭ ތަކްލީފުތަކަށް މިސެންޓަރުގެ ސަބަބުން ލުޔެއް ލިބިގެންދާނެ އެވެ. މިސެންޓަރުގެ ހިދުމަތް މި ފެށޭ ފެބުރުވަރީ މަހުގެ ތެރޭގައި އާއްމުންނަށް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރު ބިނާކުރުމަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާ މިކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ހޭދަކުރި ކަމަށް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.

" އެމްޑަބްލިއުއެސްސީގެ އަމާޒަކީ، މިކުންފުނިން ތަރައްގީގެ ހަރުފަތްތައް ގިރާކުރަމުން ދާއިރު، ކުރިމަގުގައިވެސް މިކުންފުނީގެ ޢިޖްތިމާއީ ޒިންމާގެ ދަށުން، ދިވެހި މުޖްތަމަޢުއަށް ލާބައާއި މަންފާ ލިބިދެނިވި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުން،" އެ ކުންފުނިން ބުންޏެވެ.