ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މިދިޔަ އަހަރު 1.48 ބިލިއަން ރުފިޔާގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓަރުގެ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 212 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި އެ ކުއާޓަރުގައި 489 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު، ޓެކްސްއަށް ކެނޑުމަށްފަހު ސާފުފައިދާގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ބޭންކުން ބުނީ މި ނަތީޖާ ހާސިލްކުރެވިފައި ވަނީ ހުރިހާ ދާއިރާއަކުން ވެސް ލިބިފައިވާ ކުރިއެރުން ދެމެހެއްޓިގެން ކަމަށެވެ. އަދި މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 1.8 ބިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ.

މިދިޔަ އަހަރު ދޫކޮށްފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވެ، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 4.3 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވެ އެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ހާސިލްކުރެވިފައިވާ ހަރުދަނާ ނަތީޖާއަށް ފަހު ކުރިޔަށް މިއޮތް އަހަރު އަޅުގަނޑުމެންގެ ސްޓްރެޓަޖީގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ނުހަނު އިސްކަމެއްދީގެން މަސައްކަތްކުރަމުންދާނެ ކަމަށެވެ.

"2022 ވަނަ އަހަރަކީ ބޭންކަށް ވަރަށްވެސް ހާއްސަ އަހަރެއް. އެއީ ބޭންކަށް 40 އަހަރު ފުރުން ފާހަގަކުރި އަހަރު. ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހަރަކާތެއް ހިންގައި، ޖުމްލަ 12 ހަރަކާތެއް މިވަނީ ހިންގާފައި. މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށް އެކި ދާއިރާތަކަށް އަމާޒުކޮށްގެން، ހިންގުނު ބޭނުންތެރި އަދި މުހިންމު ހަރަކާތްތަކެއް. މީގެ ތެރޭގައި ތައުލީމާއި ތިމާވެށީގެ އިތުރުން ސިއްހީ ދާއިރާ ހިމެނޭ،" އޭނާ ވިދާޅުވި އެވެ.