ފުރާނައަށް ގެއްލުން ހުރި ކުއްލި ނުރައްކާތައް ދެނެގަންނާނެ ގޮތުގެ ތަމްރީނުތަކެއް ރޯޔަލް އައިލެންޑް ރިސޯޓުން ބ. އަތޮޅުގައި ދީފި އެވެ.

ރޯޔަލް އައިލެންޑް ރިސޯޓު ހިންގާ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ބުނީ އެ ރިސޯޓުގެ ސީއެސްއާރު ހަރަކާތްތަކުގެ ތެރެއިން ބ. އަތޮޅުގައި "އެމަޖެންސީ ފަސްޓް ރެސްޕޮންސްގެ ޕްރައިމަރީ އަދި ސެކަންޑަރީ ކެއާ ޓްރެއިނިން" ޕްރޮގްރާމެއް މިދިޔަ ހޮނިހިރު ދުވަހު ފަށައި، އެ ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ބާއްވާފައިވާ ކަމަށެވެ.

މި ސެޝަންގައި ބ. އަތޮޅު ސްކޫލް, ބ. ދޮންފަނު ސްކޫލް އަދި ބ. ކިހާދޫ ސްކޫލްއިން 15 މީހަކު ބައިވެރިވި ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި ބ. އަތޮޅުގެ 13 ސްކޫލެއްގެ މީހުންނަށް މި ޕްރޮގްރާމުގެ ދަށުން ޓްރެއިނިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިލާ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެމަޖެންސީ ފަސްޓް ރެސްޕޮންސްއިން ސެޓްފިކެޓް ހާސިލްކޮށްފައިވާ ރޯޔަލް އައިލެންޑް ރިސޯޓުގެ ޑައިވް އޯސެނަސްގެ ތަޖުރިބާކާރު ޑައިވް އިންސްޓްރަކްޓަރުން ކަމަށެވެ.

ރޯޔަލް އައިލެންޑް ރިސޯޓުން ކުރިޔަށް ގެންދިޔަ ފަސްޓް ރެސްޕޮންސް ޓްރެއިނިން ޕްރޮގްރާމްގެ ތެރެއިން.

އެމަޖެންސީ ފަސްޓް ރެސްޕޮންސް ޓްރެއިނިން ނުވަތަ އީއެފްއާރު ޓްރެއިނިން ފަރުމާކޮށްފައި ވަނީ ބައިވެރިންނަށް ފުރާނަޔަށް ގެއްލުން ހުރި ކުއްލި ނުރައްކާތައް ދެނެގަންނާނެ ގޮތްތައް ކިޔައިދީ, އެއަށް އެންމެ ރަނގަަޅަށް ފިޔަވަޅު އެޅޭނެ ގޮތްތައް ދަސްކޮށްދޭ ގޮތަށް ކަމަށް ވިލާ ކުންފުނިން ބުނެ އެވެ. އަދި މީގެ އިތުރުން މި ޓްރެއިނިންގައި ސީޕީއާރު ފަދަ ކުއްލި ފަރުވާ ދޭނެގޮތް ކިޔައިދީ، މި ޓްރެއިނިންގެ ސެކަންޑަރީ ކެއާ ކޮންޕޯނަންޓް ތެރެއިން ބައިވެރިންނަށް ބައެއް ޒަހަމްތަކަށް ފަރުވާދޭނެގޮތާއި ބަލިތަކުން ރައްކާތެރިވާނެ ގޮތް ވެސް ކިޔައިދެވޭނެ ކަމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ބުނެ އެވެ.

އެ ކުންފުނިން ބުނީ ސީއެސްއާރު ޕްރޮގްރާމެއްގެ ގޮތުގައި ރޯޔަލް އައިލެންޑް އިން މި ޓްރެއިނިންގް ހިންގާ މައިގަނޑު މަގްސަދަކީ ބ. އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދީ, ސިއްހީ ފަރުވާ ދޭނެ ގޮތް އެނގުމުގެ ސަބަބުން ކިޔަވާ ދަރިވަރުންގެ ހެޔޮ ސިއްހަތު ޔަގީންކުރުން ކަމަށެވެ.

ރޯޔަލް އައިލެންޑް ރިސޯޓުން ކުރިޔަށް ގެންދިޔަ ފަސްޓް ރެސްޕޮންސް ޓްރެއިނިން ޕްރޮގްރާމްގެ ތެރެއިން.

"ނަތީޖާއަކީ ކޮންމެފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވި ކަމުގައި ވިޔަސް ސިއްހީ މާހިރުން އައުމާ ހަމަޔަށް އެތަނެއްގައި ތިބި ބަޔަކަށް ހަރަކާތްތެރިވާނެގޮތް އެނގިގެންދިއުން. ހާއްސަގޮތެއްގައި ސްކޫލް މާހައުލުގައި ދަރިވަރުން ތިބޭއިރު މިއީ ކޮންމެ މީހަކަށް ވެސް އެނގެން ނުހަނު މުހިންމު މައުލޫމާތު،" ވިލާ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ޓްރެއިންގެ ސަބަބުން ބައިވެރިންނަށް ކުއްލި ނުރައްކަލުގެ ހާލަތެއްގައި ހަރަކާތްތެރިވާނެ ގޮތް އެނގުމުގެ އިތުރުން ކެރިގެން އެފަދަ ހާލަތަކާއި ކުރިމަތިލާނެ ހިއްވަރު ލިބިގެންދާނެ އެވެ. އަދި ރޯޔަލް އައިލެންޑްގެ މި ސީއެސްއާރު ޕްރޮގްރާމަކީ މުޖްތަމައުއަށް ފައިދާހުރި ކަމެއް ކޮއްދީ މުހިންމު މައުލޫމާތު އުނގަންނައިދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށް ވެސް ވިލާ ކުންފުނިން ބުނެ އެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން މުޖްތަމައު އިތުރަށް ރައްކާތެރިވެ ކުއްލި ނުރައްކާތަކަށް ރައްޔިތުންގެ ލޯ ހުޅުވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.