ޢާންމު ހިއްސާދާރުންގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑަށް ހޮވާ ތިން ޑައިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ މީހުންނަށެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ގިނަ ޝަރުޠުތަކެއް ހުންނަން ޖެހެއެވެ. އެގޮތުން ރާއްޖޭގެ މާލީ އިދާރާތަކުގެ ޤަވާއިދުތަކުގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތުތަކާއި ބީއެމްއެލްއިން ކަނަޑައަޅާފައިވާ ޝަރުތުތައް ވެސް ފުރިހަމަވާން ޖެހެ އެވެ.

އެ މަގާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އެމްއެމްއޭގެ ފުރެޑެންޝަލް ރެގިއުލޭންޝަންގެ "ފިޓް އެންޑް ޕްރޮޕަ ރިކުއާމެންޓްސް"ގެ މިންގަނޑުތަކާއި ޝަރުތުތައް ހަމަވާން ޖެހޭނެ އެވެ. މީގެ އިތުރުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ގަވާއިދުގައިވާ ޝަރުތުތައް ވެސް ފުރިހަމަވާން ޖެހޭނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

މީގެ އިތުރުން ސީއެމްޑީއޭގެ ގަވާއިދުތަކުގެ ތެރެއިން، ފުރިހަމަވާންޖެހޭ ޝަރުތަތައް ވެސް ހަމަވާން ޖެހޭނެ އެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރުން އައްޔަން ކުރައްވާ 8 މެންބަރުންނާއި، އާންމު ހިއްސާދާރުންގެ ފަރާތުން އައްޔަން ކުރާ 3 މެންބަރުން ހިމެނެ އެވެ. ބޭންކުގެ ޑިރެކްޓަރުން ބޯޑު ހޮވާނީ ބީއެމްއެލްގެ އަހަރީ ޖަލްސާގަ އެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން އަންނަ މާޗް މަހުގެ 1 ވަނަ ދުވަހުގެ 2:00ގެ ކުރިން ލިޔެކިއުންތައް ބޭންކަށް އީމެއިލް މެދުވެރިކޮށް ނޫނީ ހެޑްއޮފީހުގެ ހަވަނަ ފަންގިފިލާއަށް ހުށަހެޅުމަށް ބީއެމްއެލްއިން އެދެ އެވެ.