Advertisement

އެފްޓީއޭގެ މައްސަލަ ހޫނުވެފައިވަނިކޮށް ޗައިނާއާއެކު މަޝްވަރާކޮށްފި

FacebookTwitterWhatsAppTelegramViber

ޗައިނާއާއެކު ސޮއިކުރި ފްރީ ޓްރޭޑް އެގްރިމަންޓް (އެފްޓީއޭ)ގެ މައްސަލަ ހޫނުވެފައި ވަނިކޮށް، އިގްތިސާދީ އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ރާއްޖެއިން ޗައިނާއެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.

ޗައިނާއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އެ ދެ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 އަށްފަހު އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ޗައިނާއާއެކު އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތައް ކުރިއަށްދިޔައީ ފޮރިން މިނިސްޓްރީއާއި ޗައިނާ އެމްބަސީގެ އިސް އޮފިޝަލުންވެސް ހިމެނޭ ގޮތަށް، މިއަދު މެންދުރު ކުރީގައި ފޮރިން މިނިސްޓްރީގައި ކަމަށެވެ.

"ޗައިނާއިން ދަނީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން. ޕެންޑެމިކްގެ ތެރޭގައިވެސް ޗައިނާ ސަރުކާރާ ކުންފުނިތަކުން ރާއްޖެއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ،" އެ މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމަށްފަހު ޗައިނާ ސަފީރު ޒާން ލިޒޮންގް ވިދާޅުވީ ރާއްޖެއާއެކު ކާމިޔާބު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި ވިހާ ވެސް ގިނަ ބަޔަކަށް ފައިދާވާ ގޮތަށް ޗައިނާއިން އެހީތެރިވެދޭނެ ކަމަށެވެ.

އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ޗައިނާއެކު މަޝްވަރާކުރިއިރު ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމަންޓްގެ މައްސަލަ ވަނީ ހޫނުވެފަ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުން ޗައިނާއާއެކު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި އެ އެއްބަސްވުމެއް ނެތް ކަމަށެވެ.

"މިވަގުތު އޮޕަރޭޝަނަލް އެފްޓީއޭއެއް ނެތްކަމަށް އަޅުގަނޑު ދެކެން. މިހާރު އެފްޓީއޭގައި ސޮއިކޮށްފައި އޮތަސް އޮޕަރޭޝަނަލައިޒް ވާނީ މިމަޖިލީހުން އިތުރު ގުޅޭ ގާނޫނުތަކެއް ހަދައިގެން. އެއީ މިމަޖިލީހުގެ ޒިންމާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ ޗައިނާއާއެކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ގިނަ ގެއްލުންތަކެއްވާ ގޮތަށް އޮތް އެއްބަސްވުމެއް ކަމަށެވެ.

"އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން މިހާރު މިދަންނަވަނީ އެ ފްރީ ޓްރޭޑް އެގްރީމަންޓަކީ އެއްގޮތަކަށްވެސް ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫން. އޭގަ ރަނގަޅު ކަންތައްތަކެއް ވެސް އެބަހުރި އިނގޭތޯ. ކޮންމެ ކަމެއްގަވެސް ހުންނާނެ ރަނގަޅާއި ގޯހާ،" އެ އެއްބަސްވުމުގައި ސޮއިކުރެއްވިއިރު ލ. ގަމު ދާއިރާގެ މަޖިލިސް މެމްބަރަކަށް ހުންނެވި ފައްޔާޒު ވިދާޅުވި އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top