އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދުން ފެށިގެން އުވާލައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ ހ. މެރިން ޑްރީމް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ރެނާޓަސް އިތާ މުއި ގައި ގާއިމްކޮށްފައިވާ ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޮލަރު އެކައުންޓުން 1،600 ޑޮލަރު ނެގޭނެ ކަމަށެވެ.

މީގެ އިތުރުން، ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3،000 ޑޮލަރާ ހަމަޔަށް ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ. އަދި ޑޮލަރު އެކައުންޓުން އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ވެސް ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ކޮވިޑާ ގުޅިގެން އެ ބޭންކުން އެޅި ފިޔަވަޅުތަކުގެ ދަށުން ޑޮލަރު ނެގުމާއި ރާއްޖެއިން ބޭރުގައި ކާޑުން ކުރެވޭ މުއާމަލާތްތަކާއި މަނީ ޓްރާންސްފާ ކުރެވޭ އަދަދު މަހަކު ވަކި މިންވަރަކަށް ލިމިޓްކުރި އެވެ.