ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ "ލައިފް ސަޕޯޓު" އިން ހިތަދޫގައި އާ ފިހާރައެއް ހުޅުވައިފި އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ އިމަޖެންސީ ގޭޓު ކުރިމައްޗަށްވާ ގޮތަށް ރޭ ހުޅުވި މި ފިހާރަ ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އައްޑޫ މޭޔަރުކަމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އަލީ ނިޒާރު އެވެ.

ލައިފް ސަޕޯޓުން ރޭ ހުޅުވި މި ފިހާރައިން މަޝްހޫރު އެބޮޓް ކުންފުނީގެ ބޭސްތަކާއި، އިގިރޭސި ވިލާތާއި ދުބާއީން ގެނެސްގެން ވިއްކާ ޕްރޮޑްކްޓްތައް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަބްދުﷲ މައުމޫން ވިދާޅުވީ އައްޑޫގައި ހުޅުވި ފިހާރައިން އެކުންފުނީގެ މާލޭގެ ފިހާރަތަކުގައި ވިއްކާ އަގުގައި ހުރިހާ ބާވަތެއްގެ ޕްރޮޑަކްޓް ލިބޭނެ ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި އިތުރު ޕްރޮޑަކްޓްސްތައް އައްޑޫއަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސ. ހިތަދޫގައި ލައިފް ސަޕޯޓްގެ އާ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މައުމޫން ވިދާޅުވީ އެ ކުންފުނިން ގެނެސް ރާއްޖޭގައި ވިއްކާ ހުރިހާ ޕްރޮޑަކްޓަކީ ވެސް އިތުބާރު ހިފޭ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވިއްކާ ޕްރޮޑަކްޓް ކަމަށެވެ. އެގޮތުން އަންހެން ބޭފުޅުންނަށް ހާއްސަ ބެލާ ޕްރޮޑަކްޓްސް އާއި އެންޝުއާ، ވައިޓަވައިޓިކްސް، ޕިޖަން ބްރޭންޑުގެ ސާމާންގެ އިތުރުން، ސްޓާބާމް ޕްރޮޑަކްޓުތައް އައްޑޫން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލައިފް ސަޕޯޓުގެ ތިން ފިހާރައެއް މާލޭގައި ހިންގަމުން އަންނައިރު މިދިޔަ އަހަރު މޭމަހު އެ ކުންފުނިން ވަނީ "ސަފެއާ"ގެ ނަމުގައި މޭކަޕްކުރާ ޕްރޮޑަކްޓްތަކާއި ސެންޓުގެ އިތުރުން ޕާސަނަލް ކެއާއަށް ބޭނުންވާ ޕްރްޑަކްޓް ވިއްކާ ފިހާރައެއް ހުޅުވާފަ އެވެ.

ސ. ހިތަދޫގައި ލައިފް ސަޕޯޓްގެ އާ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މީގެ އިތުރުން ލައިފް ސަޕޯޓުގެ ހޯލްސޭލް ސެންޓަރެއް ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އަދި އަންނަ އަހަރު އެތަނުގެ ހިދުމަތް ފެށޭވަރުވާނެ ކަމަށް ބެލެވެ އެވެ. ހޯލްސޭލްގެ އިތުރުން ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވެސް ނިންމާފައިވެ އެވެ. ގޭގެއަށް ގޮސް ބަލި މީހުންގެ ސާމްޕަލް ނެގުމާއި، ބްލަޑްޝުގާ ޗެކްކޮށްދިނުމާއި، ނެބިއުލައިޒް ކުރުމާއި، ޓިއުބް ފީޑިން އަދި އިންޖެކްޝަން ޖަހައިދިނުމުގެ ހިދުމަތް ވެސް އެތަނުން ލިބޭނެ އެވެ.

މީގެ އިތުރުން ފާމަސީ އެމްވީ އިން އޮންލައިން ފާމަސީގެ ހިދުމަތްތައް ވެސް މިސަރަހައްދުގައި ފަސޭހަކަމާއެކު ލިބޭނެ ގޮތަށް މިހާރުދަނީ މަސައްކަތްކުރެވެމުންނެވެ. އަދި އަންނަ އަހަރު މި ހިދުމަތްތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.