ސިންގަޕޫރުގެ ބަންޔަންޓްރީ ގްރޫޕުން ރާއްޖޭގައި އަންގްސާނާ އިހުރު ރިސޯޓު، 22 އަހަރު ފަހުން "ދާވާ އިހުރު" އަށް މިއަދު ރީބްރޭންޑް ކޮށްފި އެވެ.

މާލެ އަތޮޅުގެ އުތުރުގައި ހިންގާ ރިސޯޓު ރީބްރޭންޑްކުރުމުގެ ހަފުލާގައި ވާހަކަދައްކަވަމުން ރިސޯޓުގެ ޖެނެރަލް މެނޭޖަރު ކާން ވިދާޅުވީ ރީބްރޭންޑް ކުރީ އެ ރިސޯޓުގެ ވަށައިގެންވާ ކަނޑުއަޑީގެ ރީތިކަން ދަމަހައްޓައި ޓޫރިސްޓުންނަށް އުފާ ހޯދައިދިނުމަށް ކަމަށެވެ. އަދި ރިސޯޓު ރީބްރޭންޑް ކުރުމުގެ މަސައްކަތުގައި އެ ރިސޯޓުގެ ޓީމުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރިކަން އޭނާ ފާހަގަކުރި އެވެ.

މާލެއިން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓު ރީ ބްރޭންޑް ކުރުމުގެ ކުރިން ވަނީ ރިސޯޓު މަރާމާތުކުރުމުގެ މަޝްރޫއެއް ވެސް ހިންގައިފަ އެވެ.

އަންގްސާނާ އިހުރުގެ ނަމުގައި 2001 ވަނަ އަހަރު ހުޅުވި ރިސޯޓު ރީބްރޭންޑްކުރުމުގެ ހަފުލާ ޝަރަފުވެރިކޮށް ނަން ބޯޑުގެ ފަރުދާ ކައްސަވާލަދެއްވީ ޓޫރިޒަމް މިނިސްޓަރުގެ ނައިބު ޑރ. ނައުޝާދު މުހައްމަދެވެ.

ބަންޔަންޓްރީ އިހުރު ރީބްރޭންޑްކޮށް ނަންބޯޑު ބަދަލުކޮށްފައި.

ދާވާ އިހުރު ރީބްރޭންޑްކުރުމުގެ ހަފުލާގައި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަަރުން ވެސް ބައިވެރިވި އެވެ.

ތަފާތު ތިން ކެޓަރީއެއްގެ 45 ވިލާސް ހިމެނޭ ރިސޯޓު ރީބްރޭންޑް ކުރީ ޒަމާނީ ސްޓައިލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އެވެ. މިގޮތުން ރިސޯޓުގެ ރޫމްތަކުގެ އިންޓީރިއާ އަދި ފުރާޅު ބަދަލުކުރުމުގެ އިތުރުން ރެސްޓޯރަންޓާއި ބާ އަދި އެހެނިހެން ހިދުމަތްދޭ ތަންތަނުގެ އިންޓީރިއާ ޑިޒައިން ބަދަލުކޮށް ފަރުނީޗަރުތައް ވެސް ބަދަލުކޮށްފައިވެ އެވެ.

އަންގްސާނާ އިހުރު ރީބްރޭންޑް ކުރުމުގެ ހަފުލާގެ ތެރެއިން.

ހިތްގައިމު ރީތި ފަރުތަކެއް އެކުލެވިގެންވާ މި ރިސޯޓަކީ ޑައިވިން އަށް ވަރަށް މަޝްހޫރު ރިސޯޓެކެވެ. އޭގެ އިތުރުން މި ރިސޯޓުން އައިލާތައް އެކުގައި ޗުއްޓީ ހޭދަކުރަން ވެސް ވަރަށް ބޮޑު އިސްކަމެއްދެ އެވެ.