Advertisement

އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

FacebookTwitterWhatsAppTelegramViber

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ޕާކިން މައްސަލައަށާއި ވެހިކަލް އެތެރެކުރުން ކޮންޓްރޯލްކުރުމާއި ބާ އުޅަނދުތައް ނައްތާލުން ފަދަ ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުގެ ތަޅުމުގައި މިދިޔަ ހަފުތާގައި ފުރަތަމަ ކިއުން އިއްވުމަށްފަހު ބިލް މިހާރު ވަނީ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފަ އެވެ.

އެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުކޮށް، މާލޭގެ މަގުމަތިން ޕާކިން ސްލޮޓް ދޫކޮށް އެތަންތަނަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމެއް އަންނަ އަހަރުން ފެށިގެން ހަމަޖެއްސުމާއި، އެއްގަމު އުޅަނދުފަހަރު ތާޑު ޕާޓީ އިންޝުއަރަންސް ކުރަން ނުޖެހޭ ގޮތަށް ހެދުން ހިމެނެ އެވެ.

މަގުމަތިން ޕާކިން ސްލޮޓް ދޫކުރުން

މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ޝިމާޒް އަލީ ވިދާޅުވީ ވިދާޅުވީ ސަރުކާރުގެ މިހާރު ސިޔާސަތަކީ ވެހިކަލް ރަޖިސްޓްރީކޮށްދީގެން ދައުލަތަށް އާމްދަނީއެއް ލިބޭނެގޮތެއް ހެދުން ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން މާލޭގައި ޚާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި، އެތަންތަނަށް އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިމާޒް ވިދާޅުވީ މާލޭގައި އުޅަނދު ރަޖިސްޓްރީކޮށްދޭނެ ވަކި ޚާއްސަ ސަރަހައްދުތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

"އެތަންތަނުން ޕާކިން ސްލޮޓްތަކެއް މިދޫކުރަނީ އެނތަންތަނަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭގޮތަށް. އެހެންވީމަ އެ އިސްލާހު އެގޮތަށް އައީމަ ހީވަނީ ރަޖިސްޓްރީކުރުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މާލޭގައި އުޅަނދު ރަޖިސްޓްރީކުރުމަށް ސްލޮޓް ދޫކުރަން ބުރުޒު މަގުން ދެކުނުގައި ޕާކް ކުރެވޭނެ ތަންތަން މިހާރު ކަނޑައަޅާފައިވާ ކަމަށް ޝިމާޒް ވިދާޅުވި އެވެ. އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށް، ޕާކު ކުރެވޭނެ 311 ތަނަކާއި ސައިކަލު ޕާކުކުރާނެ 11،000 ތަނެއް މިހާރު ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ މާލޭގެ ރަށްވެހިން ނޫން މީހުންނަށް ވެސް މާލޭގެ މަގުމަތީގައި އުޅަނދު ރަޖިސްޓްރީކުރެވޭ ގޮތަށް އިސްލާހު ގެނެވޭނެ ކަމަށެވެ. އަދި މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް އެގޮތަށް މަގުމަތީގެ ސްލޮޓްތަކަށް އުޅަނދު ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މުހިންމުކަން ސަމީރު ފާހަގަކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ސްލޮޓްތަކަށް ރަޖިސްޓްރީ ފީ ނުދައްކައިފިނަމަ އެއުޅަނދެއް ޓޯކުރުމާއި ނުވަތަ އަޅާނެ އެހެން ފިޔަވަޅެއް ވެސް ކަނޑައެޅުން މުހިންމު ކަމަށެވެ.

އެ އުޅަނދެއް ފައިސާ ނުދައްކާތާ ހަ މަސް ވެއްޖެނަމަ ޓޯކުރުމާއި ނޫނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުން. ފައިސާ ނުދައްކައިފިއްޔާ ހަދާނެގޮތެއް އިތުރު ގޮތެއް ކަނޑައެޅުން ވަރަށް މުހިންމު. ހައްލެއް ވަރަށް މުހިންމު، ގަރާޖެއް ނުވަތަ ބަންޑާރަ މަގެއް ނުވަތަ ގެއެއްގަ ރަޖިސްޓްރީވެގެން ވިޔަސް،" ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ސަމީރު ވިދާޅުވި އެވެ.

މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަތައް ހައްލު ކުރަން މާލޭގެ ހަތް ސަރަހައްދެއްގައި ޕާކިންނަށް ހާއްސަ އިމާރާތްތަކެއް އަޅަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

އެ ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރުގެ ނައިބު ޝިމާޒު ވިދާޅުވީ އަހަރެއްގެ ތެރޭގައި އެވެރެޖުކޮށް 13،000 އެއްހާ ވެހިކަލް ރާއްޖެއަށް އެތެރެކުރާ ކަމަށެވެ.

އެއީ ދުވާލަކު 30 އާއި 40 އާދެމެދުގެ އަދަދެއް ކަން ފާހަގަ ކުރައްވަމުން ޝިމާޒު ވިދާޅުވީ މާލޭގެ ކެޕޭސިޓީއަށް ބަލާއިރު، މިހާރު އެތެރެ ކޮށްފައިވާ ވެހިކަލްތައް މަދު ނުކޮށް، އަންނަ އަހަރުވެސް އެތެރެ ކުރެވޭ އިތުރު ވެހިކަލުތަކަށް ހާއްސަކޮށް މާލޭގައި ޖާގައެއް ނެތް ކަމަށެވެ.

އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، ޕްލޭނިން މިނިސްޓްރީ އިސްވެ، މާލޭގެ ހަތް ސަރަހައްދެއްގައި ޕާކިންނަށް ހާއްސަ އިމާރާތްތަކެއް އެޅުމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ދެ ސަރަހައްދެއްގައި އެ މަސައްކަތް ކުރެވެމުންދާކަމަށް މައުލޫމާތު ލިބިފައިވަނީ،" ހީނާމާގޭގައި ހުރި ބިމަކީ އެތަނުން އެއް ސަރަހައްދުކަން ފާހަގަކުރައްވަމުން ޝިމާޒު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން 60 މިލިއަން ރުފިޔާ ހަރަދުކޮށްގެން މާލޭގެ އެކި ސަރަހައްދުތަކުގައި ހެދި މެކޭނިކަލް ޕާކިން ސިސްޓަމްތައް ބަހައްޓަން ނިންމި އެވެ. އަދި ބައެއް ސަރަހައްދުތަކުގައި އެތަކެތި ގާއިމް ކުރި ނަމަވެސް އެއިން އެއްވެސް ސިސްޓަމެއް ބޭނުން ކޮށްފައެއް ނުވެ އެވެ. އަދި އެތަކެތި އެގޮތަށް ހުރެ، ނުބެލެހެއްޓި ވަނީ ބާ ދަގަނޑަށް ވެފަ އެވެ.

ހީނާމާގޭގައި ވެސް ބެހެއްޓީ 300 ސައިކަލު ޕާކު ކުރެވޭ މެކޭނިކަލް ޕާކިން ސިސްޓަމެކެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެ ސިސްޓަމް ނަގައިފަ އެވެ.

20 އަހަރަށް ވުރެ ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލަނީ

މާލޭގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް އެ ބައްދަލުވުމުގައި ޝިމާޒް ވިދާޅުވި އެވެ. ނަމަވެސް މިހާރު ގާނޫނު އޮންނަ ގޮތުން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނައްތާލުމަށް ތަންނުދޭކަމަށާއި ނަމަވެސް ގާނޫނަށް ގެންނަ އިސްލާހުން އެކަމަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"20 އަހަރަށް ނުވަތަ 30 ވެފައިވާ ވެހިކަލް ނައްތާލުމުގެ ޕްރޮޖެކްޓް އަންނަ އަހަރު ފަށަން އެބަ ފުލުހުނާއެކު ގުޅިގެން. އޭގެ ތެރޭގައި ގާތްގަނޑަކަށް 100 ކޮންމެ ވެސްވަރަކަށް ޓެކްސީ ވެސް މިހާރު އޭގެ ތެރޭގައި އުމުރު ހަމަވެފައިވޭ،" ޝިމާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުމުރު ހަމަވާ އުޅަނދުތައް ނައްތާލައިގެން ކުރިއަށްދާ ނަމަ ޕާކުކުރުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ. އަދި ވަރަށް ގިނަ ޓެކްސީ ނައްތާލާއިރު އެކަމާ ބެހޭ ގޮތުން އިކޮނޮމިކް މިނސިްޓްރީއާ މަޝްވަރާކޮށް ޓެކްސީ ޑްރައިވަރުންނަށް ލޯން ސްކީމެއްގެ ދަށުން ޓެކްސީ ދޫކުރުން ވެސް އަންނަ އަހަރު ކުރިޔަށްދާނެ ކަމަށް ވެސް ޝިމާޒް ވިދާޅުވި އެވެ.

ޝިމާޒް ވިދާޅުވީ ވެހިކަލް އެތެރެކުރުމަށް ހުއްދަ ދޫކުރެވޭނެ އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭގެ މަގުތަކުގެ ސައިޒަށާއި ޕާކިން ކެޕޭސިޓިއަށް ބެލުމަށްފަހު ވެހިކަލް އެތެރެކުރެވޭނެ އުސޫލެއް ގާއިމްކުރުމުގެ ވިސްނުން މިނިސްޓްރީގެ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިމާޒް ވިދާޅުވީ މާލެ ސަރަހައްދާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވެހިކަލްތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top