Advertisement

މިދިޔަ މަހު އިމްޕޯޓް/އެކްސްޕޯޓުން ލިބުނު އާމްދަނީ 59 ޕަސެންޓް ދަށަށް

FacebookTwitterWhatsAppTelegramViber

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލާއި އެކްސްޕޯޓްކުރި މުދަލުގެ އަދަދު ދަށްވެ، އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 59 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ކަސްޓަމްސްއިން އިއްޔެ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ދައުލަތަށް އިމްޕޯޓު އަދި އެކްސްޕޯޓުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 119 މިލިއަން ރުފިޔާގެ އެވެ.

އެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވެ އެވެ. މިދިޔަ މަހު މި އަދަދު ވަނީ 1.9 ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ. މީގެ އިތުރުން، މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު 59 ޕަސެންޓް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު 292 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރުމަހު މި އަދަދު ވަނީ 119 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އިންޑިއާ އަދި ސިންގަޕޫރެވެ. ޗައިނާ އިން 345 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު، އިންޑިއާއިން 275 މިލިއަން އަދި ސިންގަޕޫރުން 217 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އިމްޕޯޓުކޮށްފައިވަނީ މެޝިނަރީއާއި އިލެކްޓްރިކް ސާމާނާއި ކާބޯތަކެތީގެ ބާވަތްތަކާއި ތެލުގެ ބާވަތްތަކެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައި ވަނީ އިނގިރޭސިވިލާތަށާއި ޖަރުމަން އަދި ފްރާންސަށެވެ. އެގޮތުން އިނގިރޭސިވިލާތަށް 21 ޕަސެންޓް މުދާ އެކްސްޕޯޓުކުރިއިރު ޖަރުމަނަށް 19 ޕަސެންޓް އަދި ފްރާންސަށް 17 ޕަސެންޓް މުދާ ވަނީ އެކްސްޕޯޓުކޮށްފަ އެވެ. އެ ގައުމުތަކަށް ރާއްޖެއިން އެކްސްޕޯޓުކޮށްފައި ވަނީ ގަނޑުކުރި މަހުގެ ބާވަތްތަކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިދިޔަ މަހު ރާއްޖެ އެތެރެވި އުޅަނދުފަހަރުގެ އަދަދާއި ރާއްޖެއިން ފުރާފައިވާ އުޅަނދުގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު މުދާ ހިފައިގެން ރާއްޖެއަށް 82 އުޅަނދެއް އައިއިރު މިދިޔަ މަހު އެތެރެވެފައިވަނީ 108 އުޅަނދެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖެއިން 91 އުޅަނދެއް ފުރާފައިވާއިރު، މިދިޔަ މަހު ފުރާފައިވަނީ 117 އުޅަނދެކެވެ.

މުދާ ކްލިއަރކުރުމަށް ޕްރޮސެސްކުރެވުނު ޑެކްލެރޭޝަންގެ އަދަދުވެސް މިދިޔަ މަހު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު 19،374 ޑެކްލެރޭޝަން ޕްރޮސެސްކުރިއިރު އެ އަދަދު މިދިޔަ މަހު ވަނީ 9،463 އަށް ދަށްވެފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top