މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމު 10 މީހަކު ފުރިހަމަކޮށްފި އެވެ.

އެއްމަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.

ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލް ކުރާ ކުދިންނާއި ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލްކޮށް ނިމިފައިވާ ދަރިވަރުން ހިމެނޭހެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އެމްޕީއެލް އިން ހިންގި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

އެ ކުންފުނީގައި ހުރި ވަޒީފާތަކުގެ މައުލޫމާތު ދީ، އެ ވަޒީފާތަކަށް އަހުލުވެރި ކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ބައިވެރިން ވަނީ، އެމްޕީއެލްގައި ހުރި ވާޒީފާތަކާ ބެހޭ މައުލޫމާތު ހޯދައި ބައެއް ދާއިރާތަކުގައި އަމަލީ ގޮތުން މަސައްކަތްކޮށް، ތަޖުރިބާ ހޯދާފައިފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެމްޕީއެލްގެ އިންޓާންޝިޕްގެ ސަބަބުން ދަރިވަރުންނަށް ތަފާތު މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭ ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި އެފަދަ އިންޓާންޝިޕް ޕްރޮގްރާމްތަކަކީ ދަރިވަރުންނަށް ވަރަށް ގިނަ ކަންކަން ދަސްވެ، އަމަލީ ތަޖުރިބާގެ އަލީގައި މަސައްކަތްތައް ދަސްކުރަން ލިބޭ ފުރުސަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ނިމުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މަސައްކަތްތައް ބައްލަވާލައްވަނީ. ފޮޓޯ | އެމްޕީއެލް

އެހެންކަމުން މިފަދަ ފުރުސަތަކީ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި މަސައްކަތްތެރި ދަރިވަރުން އުފެދޭނީ އެފަދަ ޕްރޮގްރާމްތަކުގެ އަލީގައި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިންޓާންޝިޕްގައި ބައިވެރިވި ދަރިވަރުން އަމަލީ ތަޖުރިބާ ހޯދި ދާއިރާތަކުގެ ތެރޭގައި:

  • ސިވިލް އިންޖިނިއަރިން އިންޖިނިއަރިން
  • އައިޓީ
  • މެޝިން އެންޑް ފެބްރިކޭޝަން
  • ޕްރޮޖެކްޓު މެނޭޖުމެންޓް

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވަނީ އެމްޕީއެލްގެ އިންޓާންޝިޕް ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެ ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ މަގްސަދަކީ ޕޯޓް ފަދަ ދާއިރާއެއްގައި ހުރި ވަޒީފާގެ ފުރުސަތުތައް އަންގާ ދިނުން ކަމަށް ޝާހިދު ވިދާޅުވިއެވެ. ޚާއްސަކޮށް ބަނދަރުގައި ކުރާ މަސައްކަތްތަކާއި ކުރިއަށް ދެވިދާނެ ދައިރާތައް ހޯދާދިނުމަކީ އެމްޕީއެލްގެ މަގްސަދު ކަަމަށް އޭނާ ވިދާޅުވިއެވެ، މީގެ އިތުރުން އެފަދަ ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދާ ދިނުމަކީ ވެސް ކުންފުނީގެ މަގްސަދެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެމްޕީއެލްގެ އިންޓާންޝިޕް ނިމުމުގެ ރަސްމިއްޔާތުގައި ސީއީއޯ ޝާހިދު އަލީ ވާހަކަދައްކަވަނީ. ފޮޓޯ | އެމްޕީއެލް

އިއްޔެގެ ރަސްމިއްޔާތަށް ފަހު މިނިސްޓަރު އާއިޝަތު ވަނީ އިންޓާންޝިޕް ޕްރޮގްރާމުގެ ބައިވެރިންގެ މަސައްކަތް ދައްކައިދޭ ޕޯޓްފޯލިއޯ ބައްލަވާލައްވައިފަ އެވެ.