ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގުދު ފައިސާ ދުވާލަކު ނެގޭ މިންވަރު 200،000ރ. އަށް މަދުކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ނެރުނު އެނައުންސްމަންޓެއްގައި ބުނެފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ނަގުދު ފައިސާގެ ގޮތުގައި ދުވާލަކު ނެގޭ މިންވަރު 200،000ރ. އަށް މަދުކުރަން ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެގޮތަށް ނިންމީ އިލެކްޓްރޯނިކް ފައިސާގެ މުއާމަލާތް އިތުރުކުރުމަށާއި ނަގުދު ފައިސާ ގެންގުޅުން މަދުކުރުމަށް އެމްއެމްއޭ އިން އެ ބޭންކަށް އެންގުމާ ގުޅިގެން ކަމަށެވެ. އަދި އެ އެންގުމާ އެއްގޮތަށް 31 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ކުރާ ހުރިހާ މުއާމަލާތެއް ހިމެނޭހެން ކޮންމެ ކަސްޓަމަރަކަށް ގިނަ ވެގެން ނެގޭނީ 200،000ރ. ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި ނަގުދު ފައިސާ ގެންގުޅުން މަދުކޮށް، އިލެކްޓްރޯނިކްކޮށް ފައިސާގެ މުއާމަލާތްކުރުމަށް ބޭންކުތަކުންނާއި އެމްއެމްއޭ އިން އަންނަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. އެއާއެކު ގިނަ ބަޔަކު ދަނީ އޮންލައިން ޓްރާންސެކްޝަންތަކާއި މޮބައިލް މަނީ އަދި ޕީއޯއެސް މެދުވެރިކޮށް ވިޔަފާރިކުރަމުންނެވެ.