މާލެ ސަރަހައްދުގައި ދަތުރު ދާން ސަރުކާރުން ތަރައްގީކުރާ ކުޑަގިރި އާންމުންނަށް މިމަހުގެ 11 ވަނަ ދުވަހު ހުޅުވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މިމަހު 11 ވަނަ ދުވަހު ކުޑަގިރި އާންމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

ކުޑަގިރި ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް ސޯލިހު ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ޕިކްނިކް އައިލެންޑް ތަރައްގީކޮށްފައި ވަނީ މާލެ ކައިރި ކުޑަގިރި ފަޅުން 8 ހެކްޓަރު ހިއްކައިގެންނެވެ. އަދި ރަށާ އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއް ވެސް ވަނީ ހަދާފަ އެވެ. މިއީ މާލެއިން ލޯންޗުގައި 10 ވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި ހަދާފައިވާ ރަށެކެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ކުރިން ހުޅުވަން ނިންމާފައި އޮތީ މިދިޔަ އަހަރުގެ މިނިވަންދުވަހާއި ދިމާކޮށެވެ. ނަމަވެސް އެކަން ފަސްކުރީ އެތަން ފެހި ކުރުމުގެ އިތުރު މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.

ކުޑަގިރި ތަރައްގީ ކޮށްފައިވަނީ ސަރުކާރުގެ ގިނަ ކުންފުނިތަކެއް ގުޅިގެން ކުރި މަސައްކަތުންނެވެ. އޭގެ ތެރޭގައި އެމްޓިސީސީ، އެޗްޑީސީ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ ހިމެނެ އެވެ.

ކުޑަގިރިއަށް ދަތުރުދާ ހުރިހާ އުމުރުގެ މީހުންނަށް ބޭނުންވާނެ ހިދުމަތްތައް ލިބޭނެ އިންތިޒާމު ކުޑަގިރީގައި ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން ރަށް ބަލަހައްޓާ އޮފީހަކާއި، މިސްކިތާއި، ފާޚާނާ ބަރި، ކެފޭ، ފިހާރަ، ހަޓުތަކާއި އަދި ކުޅިވަރު ކުޅެވޭނެ ގިނަ ވަސީލަތްތަކުގެ އިތުރުން ކައްކައި ކެވޭނެ ސަރަޙައްދު ވެސް ވަނީ ހަދާފަ އެވެ.