އައިލެންޑް އޭވިއޭޝަން އަނެއްކާ ވެސް ރީބްރޭންޑް ކުރަން ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނިން މިހާރު ވަނީ ކުންފުނީގެ ލޯގޯ އާއި މަތިންދާ ބޯޓުތަކުގެ ލިވަރީ ނުވަތަ މަތިންދާބޯޓުތަކުގެ ބޭރުގައި ބޭނުންކުރާ ކުރެހުން ބަދަލުކުރުމަށް ޑިޒައިންތައް ހުށަހެޅުމަށް ހުޅުވާލާފަ އެވެ.

އައިލެންޑް އޭވިއޭޝަންގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތް 2008 ވަނަ އަހަރުން ފެށިގެން ދެމުން އަންނަނީ "މޯލްޑިވިއަން" އަށް ބްރޭންޑް ކުރުމަށްފަހު އެވެ. އޭރު އެ ކުންފުނި ރީބްރޭންޑް ކުރީ ބައިނަލްއަގުވާމީ ދަތުރުތައް ފެށުމުގެ ގޮތުންނެވެ.

އެ ކުންފުނި މިފަހަރު ރީބްރޭންޑް ކުރާއިރު 2000 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ލޯގޯ ވެސް ބަދަލުކުރަން ނިންމާފައިވެ އެވެ. އެ ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.

އެއާ މޯލްޑިވްސް ބަނގުރޫޓުވުމުން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން 2000 ވަނަ އަހަރު އުފެއްދި އައިލެންޑް އޭވިއޭޝަނުން އަންނަނީ އެ ކުންފުނީގެ އުދުހުންތަކުގައި ބޭނުންކުރުމަށް އާ ބޯޓުތައް ވެސް ގެނެސް އެއާލައިންގެ ހިދުމަތް ފުޅާކުރަން މަސައްކަތްކުރަމުންނެވެ. އެގޮތުން އޭޓީއާރު 72 މަރުކާގެ ދެ ބޯޓު މިދިޔަ މަހު ރާއްޖެ ގެނެސް ޚިދުމަތުގައި ބޭނުންކުރަން ވަނީ ފަށައިފަ އެވެ. އަދި އިތުރު ބޯޓެއް މިމަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.