ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.

ވިނަރެސް ފްލެޓްތައް އަޅާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެންނެވެ. އެ ފްލެޓުތައް ނިންމައި އެޗްޑީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު އެވެ.

ފްލެޓް ގަތުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ޖުލައި 18 ވަނަ ދުވަހު އެވެ. މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ވަނީ ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފަ އެވެ.

ވަގުތީ ލިސްޓް ދައްކާގޮތުން ފްލެޓަށް އެދި ފޯމު ހުށަހެޅި 1،413 މީހުންގެ ތެރެއިން ޝަރުތު ހަމަވީ 723 މީހުންނެވެ.

އެ މަޝްރޫއުގެ ދަށުން 100 ހައުސިން ޔުނިޓު ކަނޑައަޅާފައި ވަނީ މާލޭގައި ރަޖިސްޓްރީވިތާ 15 އަހަރު ނުވާ މީހުންނަށާއި ރަޖިސްޓްރީ ނުވެ މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުންނަށެވެ.

ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓަށް ބަލާއިރު، މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ 1،094 މީހަކު ޝަރުތު ހަމަވެ އެވެ. އަދި މާލޭގައި ރަޖިސްޓްރީވިތާ 15 އަހަރު ނުވާ 267 މީހަކު ވެސް ޝަރުތު ހަމަވެފައިވެ އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދާއިމީ ލިސްޓު ނެރުނީ، ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށް ފަހު، ޕްލޭނިން މިނިސްޓްރީން މުރާޖައާ ކުރުމަށްފަހު ކަމަށެވެ.