މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިޔުމަށް ތަރައްގީކުރާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

"ކުޑަގިރި" ނަމުގައި ތައާރަފްކޮށްފައިވާ މިއެޕްލިކޭޝަން މިހާރު އެޕް ސްޓޯރުންނާއި، ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ.ކުޑަގިރި ޕިކްނިކް އައިލަންޑް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންއަންނަ އިރު އެޗްޑީސީން ބުނީ ކުޑަގިރި އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން، އެ ރަށާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާއި ހިދުމަތްތައް ބަލާލެވޭނެ ކަމަށެވެ.

މި އެޕްލިކޭޝަނަކީ ކުޑަގިރީގެ ހިދުމަތްތައް ވީހާ ވެސް ލުއިފަސޭހަ ގޮތަކަށް އާންމުނަށް ދިނުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށްވެސް އެޗްޑީސީއިން ހާމަކުރެ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ބުކިންއަށް އަދި ހުޅުވާލާފައި ނުވިޔަސް، އެޕްލިކޭޝަންގައި ރަޖިސްޓާކުރުމުން ކުޑަގިރިއާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ އެޕްލިކޭޝަނުގެ ޒަރިއްޔާއިން ބުކިންނަށް ހުޅުވާލުމުން ނޮޓިފިކޭޝަން އަންނާނެކަމަށާއި، ވަރައަވަހަށް ބުކިން ހެއްދުމަށްވެސް ހުޅުވާލާނެކަމަށެވެ.

މާލޭން ލޯންޗެއްގައި ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އޮންނަ ކުޑަގިރި މިމަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ހުޅުވަން ސަރުކާރުން ވަނީ ނިންމާފަ އެވެ.