ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު (އެމްއައިއޭ)ގެ ޓާމިނަލް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝިއަނުން އިއުލާނުކޮށްފި އެވެ.

އެ އެއާޕޯޓު އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ވަނީ މި މަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިމަހުގެ 12 ވަނަ ދުވަހުގެ 12 ޖެހުމާ ހަމައަށް ބިޑް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މާފަރު އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން ބަޔަކު ހޯދުމަށް އިއުލާނުކޮށްފައިވާއިރު، އެއާޕޯޓު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ވަނީ ހަވާލުކޮށްފަ އެވެ.

މި މަސައްކަތުގެ ދަށުން މާފަރު އެއާޕޯޓުގައި 2.2 ކިލޯމީޓަރަށް މިހާރު ހަދާފައިވާ ރަންވޭ 2.85 ކިލޯމީޓަރަށް ބޮޑުކުރަން ވަނީ ހަމަޖެހިފަ އެވެ. މިއީ 27.1 މިލިއަން ރުފިޔާއަށް ކުރިއަށް ގެންދާ މަޝްރޫރުއެކެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވައި ހިދުމަތް ދޭން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު އެކެއްގަ އެވެ.